ތައިލެންޑްގެ ބެންކޮކްގައި ބޭއްވުނު މިސް ޔުނިވާސް މުބާރާތުގެ ތާޖު މެކްސިކޯގެ ފާތިމާ ބޮޝްއަށް ލިބިއްޖެއެވެ.
ނަމަވެސް މި މުބާރާތް ނިމިގެން ދިޔައީ އެތައް ހިޔާލުތަފާތުވުންތަކަކާއި ބޮޑެތި މައްސަލަތަކެއްގެ ތެރެއިންނެވެ. ތާޖު އަޅުވާ އިވެންޓުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި ތައިލެންޑްގެ އޮފިޝަލަކު ފާތިމާއަށް ބަހުގެ ހަމަލާދިނުމުން އޭނާ އެ ރަސްމިއްޔާތުން ނިކުމެގެން ދިޔުމުގެ ސަބަބުން ބޮޑު ހަމަނުޖެހުމެއް އުފެދުނެވެ.
މި ހާދިސާއާ ގުޅިގެން ފާތިމާއަށް އާންމުންގެ ބޮޑު ތާއީދެއް ލިބިފައިވާއިރު، މުބާރާތް އިންތިޒާމުކުރި ފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
މިސް ޔުނިވާސްގެ ތާތު ފާތިމާ އަށް ލިބުނު އިރު، މުބާރާތުގެ ދެވަނަ އަކީ ތައިލޭންޑްގެ ރީތީގެ ރާނީ ޕްރަވީނަރް ސިންގް އެވެ. ތިން ވަނަ ލިބުނީ ވެނެޒްއެލާގެ ރީތީގެ ރާނީ ސްޓެފެނީ އެބަސާލީ އެވެ.
މި އަހަރު ބޭއްވި 74 ވަނަ މިސް ޔުނިވާސް މުބާރާތުގައި 120 ގައުމަކުން ވާދަކުރި އެވެ.
ފާތިމާއަށް ތާޖު އެރުވުމަށް ފަހު، މުބާރާތުގެ ދެ ފަނޑިޔާރަކު ވަނީ އެމީހުންގެ މަގާމުން އިސްތިއުފާ ދީފައެވެ. އެމީހުން ތުހުމަތުކުރީ މުބާރާތުގެ ނަތީޖާ އޮޅުވައިލެވިފައިވާ ކަމަށާއި، ޚާއްސަ ކެންޑިޑޭޓަކަށް ތާޖު ދިނުމަށް ރާވާފައިވާ ކަމަށެވެ.
މިސް ޔުނިވާސް މުބާރާތުގެ ލީޑަޝިޕަށް ދިމާވެފައިވާ ގޮންތަކުގެ ތެރޭގައި މުބާރާތް ބަލާ މީހުންގެ އަދަދު ދަށްވަމުންދާ ކަމާއި، އަންހެނުންގެ ހަށިގަނޑަށް ބޭއިންސާފުން ބެލޭ ކަމުގެ ތުހުމަތުތައް ހިމެނެއެވެ. މީގެ އިތުރުން މުބާރާތުގެ ތައިލެންޑްގެ ވެރިފަރާތްތަކާއި މެކްސިކޯގެ އިންތިޒާމުކުރާ ފަރާތްތަކާ ދެމެދު ސަގާފީގޮތުން ހިޔާލުތަފާތުވުންތައް ހުރިކަންވެސް ފާހަގަކުރެވެއެވެ.
މި ކަންކަމާ ގުޅިގެން ތަހުލީލުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިސް ޔުނިވާސް މުބާރާތް ކުރިއަށް ގެންދަންޏާ، އާންމުންގެ ސަމާލުކަން ހޯދުމަށްޓަކައި މުބާރާތް އައުކޮށް، ސަގާފީ އަގުތަކާއި މޮޑަރން ސޯޝަލް މީޑިއާގެ ހަރަކާތްތަކާ ދެމެދު ހަމަހަަމަކަމެއް ގާއިމުކުރަން ޖެހެއެވެ.









