ހުޅުމާލޭގައި ޢީމާރާތްކުރާ ދާރުއްސަލާމް ވަޤްފު އިމާރާތުގެ މަސައްކަތް 244.5 މިލިއަން ރުފިޔާ އަށް އާރުސީސީ އާ ހަވާލުކޮށް، މި އިމާރާތުގެ ބިންގާ އަޅައިފިއެވެ. މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން، ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ 12 ފަންގިފިލާގެ ޢިމާރާތެކެވެ.
މި ޢިމާރާތުގެ ބޭސްމަންޓުގައި ޚާއްޞަ ޕާކިންގ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަނާއި ޕާކިންގ ވަސީލަތްތަކެެވެ. އަދި ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފަންގިފިލާއިން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމްވެސް ގާއިމް ކުރެވިފައި ހުންނާނެއެވެ.
މި އިމާރާތުގެ ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ކަންކަމަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު (މަލްޓި-ޕަރޕަސް ހޯލް) ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެކެވެ.
އަދި މި އިމާރާތުގައި ޑޭ ކެއާރ ސެންޓަރެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މިއީ 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށްވާއިރު މި މަޝްރޫއުގެ ޖުމްލަ އަގަކީ 244,508,842.00 ރުފިޔާ އެވެ.
ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުންވެސް، ރާއްޖޭގެ އެންމެ އާބާދީބޮޑެތި ސަރަހައްދުތައް ކަމަށްވާ އައްޑޫއަތޮޅު، ފުވައްމުލައް، ހުވަދުއަތޮޅު އަދި ތިލަދުންމަތި ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް އިމާރާތްތައް އެޅުމަށް ސަރުކާރުން ވަނީ ނިންމަވަފާއެވެ. އަދި މި ވަޤުފް އިމާރާތްތަކުން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، އިސްލާމީ ވަޙުދަތު އިތުރުކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ތަފާތު މަސައްކަތްތަކެކެވެ.
ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދާއި، ދައުލަތުގެ ވަޒީރުންނާއި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފަ އެވެ.









