ހޮންކޮންގްގެ ތައި ޕޯ ސަރަހައްދުގައި ހުންނަ އެޕާޓްމަންޓް ބްލޮކްތަކެއްގައި ފެތުރިގެންދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން ހަތަރު މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި އަލިފާނަކީ ހޮންކޮންގްގައި ލެވެލް ފަހެއްގެ ނުރައްކާތެރި ކަމަށް ބެލެވޭ އަލިފާނުގެ ހާދިސާއެކެވެ.
ހޮންކޮންގް ސަރުކާރުން ބުނި ގޮތުގައި، މި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަލިފާން ނިވަމުން ދިޔަ 37 އަހަރުގެ ފަޔަރފައިޓަރެއް ހިމެނެއެވެ. އޭނާ ވަނީ މި މަސައްކަތުގައި ނުވަ އަހަރު ހޭދަކޮށްފައެވެ. އަލިފާން ނިވަމުންދަނިކޮށް، ހޮންކޮންގް ގަޑިން މެންދުރުފަހު 3:30 ހާއިރު އޭނާއާ ކުރެވުނު ގުޅުން ކެނޑި، 4:00 ހާއިރު އޭނާ ފެނި، ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، 4:45 ހާއިރު އޭނާ މަރުވި ކަމަށް ވަނީ ކަށަވަރު ކުރެވިފައެވެ.
މި ހާދިސާގައި އިތުރު ތިން މީހެއްގެ ހާލު ނާޒުކު ކަމަށާއި، އެކެއްގެ ހާލު ސީރިއަސް ކަމަށާއި، އަނެކެއްގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ބުނެއެވެ. ޖުމްލަ ނުވަ މީހުންނަށް ފަރުވާ ދިނުމަށް ދެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ތާށިވެފައިވާ މީހުން އަދި އަލިފާނުގެ ހާލަތު:
ވަންގް ފުކް ކޯޓް ރެސިޑެންޝިއަލް ކޮމްޕްލެކްސްގެ އެޕާޓްމަންޓްތަކުގައި ބައެއް މީހުން އަދިވެސް ތާށިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކުރީގެ ޑިސްޓްރިކްޓް ކައުންސިލަރ ހަރމަން ހިއު ކްވާން-ހޯ ލޯކަލް މީޑިއާ އަށް ވިދާޅުވެފައިވަނީ، 13 މީހުން ތާށިވެފައިވާ ކަމަށެވެ. މީގެ ތެރޭގައި އަށް ދުވަސްވީ ދެ ތުއްތު ކުދިން ހިމެނެއެވެ. އަދި 14 ބުޅަލެއް ވެސް ތާށިވެފައިވާ ކަމަށް ވެއެވެ.
މި އަލިފާނުގެ ހާދިސާ ފުރަތަމަ ރިޕޯޓް ކުރެވުނީ ހޮންކޮންގް ގަޑިން މެންދުރުފަހު 2:51 ހާއިރުއެވެ. އެއަށްފަހު މެންދުރުފަހު 3:34 ގައި ހާދިސާގެ ނުރައްކާތެރިކަން ލެވެލް 4 އަށް ބަދަލު ކުރެވުނެވެ. އަދި ހޮންކޮންގް ގަޑިން ހަވީރު 6:22 ގައި ލެވެލް 5 އަށް ބަދަލުކުރެވުނެވެ. ހޮންކޮންގްގައި ލެވެލް 5 ގެ އަލިފާނުގެ ހާދިސާއެއް އެންމެ ފަހުން ހިނގާފައިވަނީ 17 އަހަރު ކުރިން 2008 ވަނަ އަހަރު ކޮރންވޯލް ކޯޓްގައެވެ.

ވަންގް ފުކް ކޯޓް ކޮމްޕްލެކްސްގައި 2,000 ފްލެޓް ހިމެނޭ އަށް ބްލޮކް އެކުލެވޭއިރު، 4,600 އެއްހާ މީހުން ދިރިއުޅެއެވެ. 1983 ވަނަ އަހަރު ބިނާކުރެވުނު މި އިމާރާތް މިހާރު ދަނީ މަރާމާތު ކުރަމުންނެވެ. އެހެންކަމުން އިމާރާތްތަކުގެ ބޭރުގައި ހުރި ބެމްބޫ ސްކެފޯލްޑިންގތަކުގައި އަލިފާން ހިފާ، އަލިފާންގަނޑު ފެތުރުމަށް ފަސޭހަވެފައިވާ ކަމަށް ފޮޓޯތަކުން ދައްކައެވެ. ހޮންކޮންގްގައި ބެމްބޫ ސްކެފޯލްޑިންގ އަކީ އާންމުކޮށް ބޭނުންކުރާ އެއްޗެއް ނަމަވެސް، އޭގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުންތައް ފާޅުވެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން މަގުތައް ބަންދުކޮށް، 30 އަށްވުރެ ގިނަ ބަސް ރޫޓު ބަދަލުކޮށްފައިވެއެވެ. އަދި ކައިރީގައިވާ ކްވޮންގް ފުކް އެސްޓޭޓްގެ ދެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުން ވަނީ ހުސްކުރެވިފައެވެ. އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ހިޔާތައް ކަމަށްވާ ކްވޮންގް ފުކް ކޮމިއުނިޓީ ހޯލް އާއި ޓުންގް ޗެއޮންގް ސްޓްރީޓް ލެއިޝަރ ބިލްޑިންގ ހުޅުވާފައިވެއެވެ.
ފުލުހުން ވަނީ އަލިފާނުގެ ސަބަބުން އަނިޔާވި މީހުންނާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް 1878 999 ނަންބަރުގެ ހޮޓްލައިނެއް ވެސް ގާއިމްކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި އަލިފާން ނިވަންދެން ހޭދަވާނެ ކަމަށް ބެލެވޭ ވަގުތެއް ވެސް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.









