ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންގައި މިހާތަނަށ ް2.3 ލައްކައަށްވުރެ ގިނަ ދިވެހި ފައިސާ އާއި38،000އަށްވުރެ ގިނަ ޑޮލަރު ލިބިއްޖެއެވެ.
ޕީއެސްއެމުން އިސްނަގައިގެން ކުރިޔަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގައި ގިނަ މުއައްސަސާތަކުން ވަނީ މި ޓެލެތޯންގައި ގިނަ ފައިސާ ލަންކާގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. އެގޮތުން މިހާތަަނަށް ފައިސާ ހަދިޔާކުރި މުވައްސަސާތަކުގެ ތެރޭގައި:
- އެމްޓީސީސީން 100،000ރ.
- ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން 10،001 ޑޮލަރު
- މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއޭސީއެލް) އިން 250،000 ރުފިޔާ
- ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން 300،000 ރުފިޔާ
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 25،000 ޑޮލަރު
- ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 100،000ރ.
- ވެމްކޯ އިން 100،000ރ.
- ސަން ސިޔާމް ގްރޫޕްގެ ފަރާތުން 2 ލައްކަ ޑޮލަރުވަނީހަދިޔާކޮށްފައެވެ.
އަދިވެސް ގިނަ މުވައްސަސާތަކުން ދަނީ މި ޓެލެތޯނަށް އެހީ ދެމުންނެވެ.
ސޯޅަ ގަޑިއިރަށް ކުރިއަށް ގެންދާ ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ޓެލެތޯނަކީ އަވަށްޓެރި ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިޔަށް ގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯންގައި މާލެ އަދި ހުޅުމާލޭގެ 15 ސަރަހައްދެއްގައި ފަންޑު ފޮށިތައް ބަހައްޓާފައި ވެއެވެ.
ޓެލެތޯނަށް ބޭނުން ކުރާ އެކައުންޓް ނެމްބަރުތައް:
- ރުފިޔާ އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
- އެކައުންޓް ނެމްބަރު: 7730000796107
- ޑޮލަރު އެކައުންޓް ނަން: ސިލޯނާއެކު ދިވެހިން
- އެކައުންޓް ނެމްބަރު: 7730000796106
އަވަށްޓެރި ލަންކާއަށް އެރި ބާރުގަދަ ތޫފާން ”ޑިޓްވާ“އާ އާއި ހަފްތާއެއް ވަންދެން ކުރި ވިއްސާރައިގައި، ހާލުގައި ޖެހިފައިވާ ހިތާމަވެރި ހާލަތާ ގުޅިގެން، އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު ހެނދުނު 9:00 އިން މިރޭ ދަންވަރު 01:00 އަށް ކުރިޔަށް ގެންދާ މި ޓެލެތޯންއަށް ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާއިން ވަނީ ބައިވެރިވެފައެވެ.









