ލަންކާގެ ތޫފާން ”ޑިޓްވާ“ އަދި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ޕީއެސްއެމްގެ އިސްނެގުމާއެކު ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާ ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް 800،352 ޑޮލަރު ދިވެހި ހާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ.
29 ގަޑިއިރަށް ކުރިޔަށް ގެންދިޔަ މި ޓެލެތޯންއަށް ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާ އިން ބައިވެރިވެއެވެ. މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ހުޅުވާލިއެވެ.
މިކަމާ ގުޅިގެން މިއަދު ޕީއެސްއެމްގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖޭގެ މިހާ ގިނަ މީޑިއާ ބައިވެރިވެގެން މިފަދަ ބޮޑު އިވެންޓެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ލަންކާގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވި އެހީތެރިކަމަކީ، އަވައްޓެރިއަކަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ދިވެހިން ކުރި ސަފުގައި ތިބޭނެކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ޓެލެތޯނުގެ ފައިސާ މިއަދު ރަސްމީކޮށް ސްރީ ލަންކާ ސަރުކާރާ ހަވާލުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
”ރާއްޖެއިން ޖުމްލަ ގޮތެއްގައި މި ފޯރުކޮށްދެވުނު އެހީގެ އަގަކީ ޕްރައިވެޓް ސެކްޓާގެ ބޮޑެތި ކުންފުނިތަކުންވެސް ސްރީ ލަންކާގެ ރައްޔިތުންނަށް ވެ ދެއްވާފައި ހުރި އެހީތެރިކަން، ޖުމްލަކޮށް އަޅުގަނޑު ދަންނަވާނަމަ ފައިސާއާ އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވުނު މިންވަރު 2.3 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ،“. ވަޒީރު ވިދާޅުވިއެވެ.
ޑރ. ޚަލީލް އިތުރަށް ވިދާޅުވީ، ރާއްޖެއިން ލަންކާއަށް ޖުމްލަ ގޮތެއްގައި ދިން އެހީގެ އަދަދު ޕްރައިވެޓް ސެކްޓަރާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަމާއެކު 2.3 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްބަނޑުއެއްބަފާ ގުޅުމެއް ގާއިމުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.









