މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށްވުރެ ގިނަ ފައިސާ ހޯދައި، އެފައިސާތަކުގެ ތެރެއިން ބައެއް ނާގާފައިވާ މައްސަލައަކާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިިމައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކޮށްފައިވަނީ ގ. މާލޭހިޔާ 1-16-03 / މާލެ، އަޙްމަދު ޙައްސާން (33އ) އެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މީހެއްގެ ވައިބަރ އެކައުންޓް ކޮމްޕްރޮމައިޒްކޮށްގެން، އެމީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަ ދައްކައި މަކަރާއި ހީލަތުން އެކި ފަހަރު މަތިން 150،000ރ އަށް ވުރެ ގިނަ ފައިސާ ހޯދާފައިވާކަމުގެ ތުހުމަތުގައި،ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ. މިމައްސަލައިގެ ތަހުގީގަށް އެނިފައިވާގޮތުގައި މިމީހާ ވަނީ އެކި ފަހަރު މަތިން މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ޖުމްލަ 150،300 ރުފިޔާ ހޯދައި އެފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައިކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި، 2ވަނަ މީހާ، ނ. މަނަދޫ / ވެށި، ޙުސައިން ސަމާޙު (33އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާވަނީ މިކަމަށް އަމިއްލަ އެކައުންޓެއް ބެންކުގައި ހުޅުވައި މަންފާ ހޯދުމަށް އެއެކައުންޓް ކުއްޔަދީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ހޯދާފައިވާ ފައިސާގެ ތެރެއިން 75000 ރުފިޔާ އެކައުންޓަށް ޖަމާކޮށް އެފައިސާ ނަގާފައެވެ.
މިދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށްހާޒިރުކުރުމުން އަޙްމަދު ޙައްސާންވަނީ 15ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.އަދި ޙުސައިން ސަމާހުގެ ބަންދަށް ވަނީ 12 ދުވަސް ކޯޓުން ޖަހާފައެވ
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









