ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު މަސްވެރިންނަށް ފަސޭހައިން ބަލާލެވޭނެ ޕްލޭން އިފުތިތާޙްކޮށްދެއްވައިފިއެވެ.
މިކަން އިފްތިތާޙްކުރައްވާފައިވަނީ ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ ބާއްވާފައިވަނީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައެވެ.
ރޭގެ ޖަލްސާގައި މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއާ ގުޅުންހުރި ބައެއް މަސައްކަތްތައް އިފުތިތާޙުކުރެއްވުމުގެ އިތުރުން މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.
އެގޮތުން، ކަނދޮޅުދޫގައި މަސް ކިރޭނޭ ރަނގަޅު ފެސިލިޓީއެއް، ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްޞަ ފެސިލިޓީއަކާއެކު ޤާއިމުކުރުމުގެ އެއްބަސްވުމުގައިވެސް ރޭ ވަނީ ސޮއިކުރައްވާފައެވެ.
ރާއްޖޭގެ ކަންކޮޅުތަކުގައި ހުރި އައިސް ޕްލާންޓްތަކުގައި އައިސް ހުރި މިންވަރު ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިންނަށް ފަސޭހައިން ބަލާލެވޭނޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޑިއުލް އާއި، ބޭންކް އޮފް މޯލްޑިވްސް ”މަސްވެރިޔާ ޕޯޓަލް“ އާއި، ”ފްރޮމް މޯލްޑިވްސް“ ބްރޭންޑްގެ ވެބްސައިޓާއި، މިފްކޯގެ ”މަސް ކިރާ“ އެޕްލިކޭޝަން އަދި ދިވެހިރާއްޖޭގައި އެންވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި އާލާކުރުމުގެ ޕްލޭންވެސް ވަނީ ރޭ އިފުތިތާޙުކުރައްވާފައެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށާއި، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކުރެވޭ ނަތީޖާތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި، މަސްވެރި އުޅަނދުތަކަށާއި، ކުންފުނިތަކަށާއި، މަސްވެރީންނަށްވެސް ރޭގެ މި ރަސްމިއްޔާތުގައި ވަނީ އިނާމު ދެއްވާފައެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރައްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައެވެ. މި ދުވަސް ކުލަގަދަކޮށް ފާހަގަކުރެއްވުމުގެ ގޮތުން އެ ރަށުގައިވަނީ، މަސްވެރިންގެ ގުންޒަރެއްވެސް ހިމެނޭހެން، މަސްވެރި ސިނާޢަތާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.









