ރައްޔިތުންގެ މަޖިލިސްކުރާ އިމާރާތަކީ ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ ފާހަގަކުރައްވައިފި އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، އޮނަރަބަލް ސަރްދާރް އަޔާޒް ޞޯދިޤް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައި ދެބޭފުޅުންގެ ދެމެދުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރިގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއިބެހޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި ރާއްޖޭގެ ތަޢުލީމާއި ސިއްޙީ ދާއިރާއަށް ޕާކިސްތާނުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، މަޖިލީހުގެ އިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައިވެސް މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުވުމަށްފަހު، ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހާ ދެމެދު އެއްބާރުލުން ދިނުމާބެހޭ އެމްއޯޔޫ އެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި އެމްއޯޔޫގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފެށުމާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.









