ތިމާވެއްޓާބެހޭ ޤަވާއިދުތަކާ ޚިލާފަށް، ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް (މަންތާ އެއާވޭސް) 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މި ޖޫރިމަނާކުރީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މި މަހުގެ 21 ވަނަ ދުވަހުއެވެ.
އީއާރްއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، މަންތާ އެއާވޭސްއިން އަމަލުކޮށްފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދު 2012 އާ ޚިލާފަށް ކަމަށެވެ. އެ ޤަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި، ޖަދުވަލު (ރ)، (ޔ) އަދި (ޓ) ގައި ނުހިމެނޭ ނަމަވެސް، ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ މަޝްރޫއުތައް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ޤަވާއިދުގެ އަށް ވަނަ މާއްދާގެ ދަށުން ސްކްރީންކޮށް، އެ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހެއެވެ.
ނަމަވެސް، މާންތާ އޭވިއޭޝަނުން އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މިފަދަ ހުއްދައެއް ހޯދައި، ޤަވާއިދުގައި ބަޔާންކުރާ މަރުޙަލާތައް ފުރިހަމަކުރުމަކާ ނުލައި ކަމަށް އީއާރްއޭގެ ބަޔާނުގައިވެއެވެ.
މި މައްސަލަ އީއާރްއޭއިން ބެލުމަށްފަހު، މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު މި މަހުގެ 21 ވަނަ ދުވަހު 20،000.00 ރުފިޔާއިން ޖޫރިމަނާކުރިއެވެ. މި ޖޫރިމަނާ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ވެސް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ”ބަނޑޭރި ޕޭ“ މެދުވެރިކޮށް އެ އޮތޯރިޓީއަށް ދެއްކުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، މާންތާ އެއާވޭސްއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ޤަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދެވުމަށް ވެސް އީއާރްއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.









