އެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ބިންގާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
”އެއްބައިވަންތަކަމަކީ ޤައުމެއް ކުރިއަރައި ދިޔުމުގެ ބިންގަލެވެ. ދިވެހީންގެ ސަގާފަތާއި ދިރިއުޅުމާ ގުޅިފައިވާ ކަނޑުއުޅަނދެއްގައި ނަމަ، ދޯންޏެއްގެ އޭގެ ބަނދަރަށް ދަތުރުކުރުމަށް ޓަކައި ނުވަތަ ފެންމަތީ އޮތުމަށްޓަކައި އެ ދޯނީގެ މަޑޫތައް ރަނގަޅަށް ހިނމުންކޮށް ގުޅިފައި ހުންނަން ޖެހެއެވެ. ހަމަ އެފަދައިން ޤައުމެއްގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައި، ކުރިއެރުމާއި ތަރައްޤީ ހޯދައި އުފާވެރި ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި އެ ޤައުމެއްގެ ހުރިހައި ފަރުދުންގެ އެއްބައިވަންތަކަން މުހިންމުވެއެވެ.“ ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރައްވާފާވެއެވެ.
ރައީށްގެ ޚިޠާބުގައި ވިދާޅުވީ ދިވެހީންގެ މި ޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މި ފުރުނީ 21 އަހަރުކަމުގައެވެ.
ރައީސް ވިދާޅުވީ 2004 ވަނަ އަހަރު ޑިސެންބަރުން 26 ވަނަ ދުވަހު އަޅުގަނޑުމެންގެ ޤައުމާ ކުރިމަތިވި ކުއްލި ނުރައްކަލުގެ އެ އުނދަގޫ ޙާލަތުގެ ހަނދާންތައް ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެން ނުދާނެކަމުގައެވެ. އަދި މިއަދު އަޅުގަނޑުގެ އެންމެ އިސްވާޖިބަކީ، އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ދިވެހި އަޚުންނާއި އުޚްތުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެ ދުވަހު ރާއްޖޭގެ އެކި ރަށްރަށަށް އެރި ބޮޑު ރާޅާއެކު، ގޯތިގެދޮރު ގެއްލި، ބޮޑެތި ގެއްލުންތައް ލިބުނު ކޮންމެ ރައްޔިތަކާއި ކޮންމެ ޢާއިލާއަކުން ދިރިއުޅުން އަލުން އާރާސްތުކުރުމަށް ހިތްވަރާއެކު ފެށި މަސައްކަތުގައި ބަރަކާތްލެއްވުމަށާއި ކާމިޔާބީއަށް އެދުމަށްވެސް ރައީސްގެ ޚިޠާބުގައި ވަނީ ގޮވާލައްވާފައެވެ.
”މިއަދު އަޅުގަނޑުމެން ހަނދާން ކުރަންވީ ސުނާމީއަށްފަހު އަޅުގަނޑުމެން ދިރުވި އެއްބައިވަންތަކަމެވެ. އެއްޤައުމެއްގެ ގޮތުގައި ގުޅިގެން، ހިތްވަރާއި ހިނިތުންވުމާއެކު އާރާސްތުކުރި ދިރިއުޅުމެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ.“ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚިޠާބުގައި ވިދާޅުވިއެވެ.









