އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުނަށް ފޭދިފަައިވާ އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުނަށް ފޭދިފަައިވާ އިސްލާމީ ޢަޤީދާ މަގުދައްކަނީ ޤައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވުމާއި އެކަކު އަނެކަކަށް ހެޔޮ ފޯރުވުމާއި އިޙްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ޤައުމު ބިނާކުރުމުގައި އަތުގުޅައިލަން ކަމުގައެވެ.
ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހީން ކުރިމަތިލީ މި ނޫން ކޮންމެ އުނދަގޫ ޙާލަތެއްގައިވެސް އަޅުގަނޑުމެންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދާ މި ރިވެތި ޚުލްޤާއި ސުލޫކުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްފާއި ވަނީ ދިވެހީންގެ ބަދަހިކަން އިތުރުކުރައްވައި، ސަލާމަތާއި ރައްކާތެރިކަމުގައި މި ޤައުމު އަބަދުމެ ލެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރިމަތިވި ސުނާމީ ކާރިސާއަށް މިއަދު 21 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އަދި މި ހިތާމަވެރި ކާރިސާގައި، 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި އޯގާތެރިކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.









