ދިވެހި ފިލްމުތައް ޑައިރެކްޓުކުރި މަޝްހޫރު ޑައިރެކްޓަރު އަބްދުﷲ ފައްތާހު މިރޭ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބުނުގޮތުގައި އޭނާ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ. ފައްތާޙު ނިޔާވިއިރު ދިރިއުޅެމުން ދިޔައީ އޭނާގެ އުފަން ރަށް ކަމުގައިވާ ހއ.ކެލާގައެވެ. އޭނާއަށް ސްޓްރޯކެއް ޖެހިގެން އިމަޖެންސީގައި ހއ. ދިއްދޫ އަށް ގޮންގޮސް ފަރުވާދެމުންދަނިކޮށް އޭނާ ނިޔާވީީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
ފައްތާހް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާނެ ކަން ވެސް އިއުލާންކޮށްފައެވެ. އަދި އޭނާއަށް ވަނީ ޕީއެންސީގެ ޓިކެޓުވެސް ލިބިފައެވެ.
ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވައި، ކާމިޔާބު ގިނަ ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް އުފައްދަވާފައިވާ ފައްތާހުގެ އެންމެ ފަހުގެ ފިލްމަކީ 2017 ގައި ގެނެސްދިން ”ހައްދު“ އެވެ. އެ ފިލްމަށް ފަހު، އޭނާ ވަނީ ފިލްމީ ދާއިރާއިން ރިޓަޔާކުރައްވައި އެ ދާއިރާއާ ދުރަށް ޖެހިވަޑައިގެންފަ އެވެ.
އެއަށް ފަހު، 2018 ވަނަ އަހަރުގެ ހިސާބުގައި ފައްތާހު ވަނީ ކެލައަށް ދިރިއުޅުން ބަދަލުކުރައްވައި، އެތަނުގައި ރެސްޓޯރެންޓު ވިޔަފާރިއެއް ފައްޓަވާފަ އެވެ.
ފައްތާހު ވަނީ ފިލްމާއި ޑްރާމާ، ވީޑިއޯ ލަވަ އަދި އިޝްތިހާރު އުފައްދައި ޑައިރެކްޓްކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފަ އެވެ. މީގެ އިތުރުން ފިލްމާއި ޑްރާމާތަކަށް ވާހަކަ އާއި ސްކްރިޕްޓް ވެސް ލިޔުއްވައި، ބައެއް ޓީވީ ޕްރޮގްރާމްތައް ވެސް އުފައްދަވާފައިވެ އެވެ.
އޭނާ ޑައިރެކްޓްކުރައްވާފައިވާ ފިލްމުތަކުގެ ތެރޭގައި ”ހިމޭން ދުނިޔެ“، ”ރަންމުތް“، ”އާނ އަހަރެން ވެސް ލޯބިވިން“، ”ވެހޭ ވާރޭ ތެރެއިން“، ”14 ވިލޭރޭ“، ”ޖިންނި“، ”ހުރީމޭ އިންތިޒާރުގައި“ އަދި ”އޭނާ“ ހިމެނެ އެވެ. އަދި ”އައިޝާ“، ”ރޭޝަމް“، ”ދޯޕައްޓާ“، ”ފަހު ފިޔަވަޅު“، ”މާފުކުރާށޭ“ އަދި ”ތިއޭ މިހިތުގެ ވިންދަކީ“ ފަދަ އޭނާގެ ޑްރާމާތަކަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޑްރާމާތަކެކެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއަށް ފައްތާހު ކުރެއްވި އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް، ސަރުކާރުން 2004 ވަނަ އަހަރު ވަނީ އޭނާއަށް ގައުމީ އިނާމު ވެސް އަރުވާފަ އެވެ.









