Search Streamline Icon: https://streamlinehq.com

ފައްތާހު ނިޔާވުމާއި ގުޅިގެން އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

431935 3 4d9a3318092fdfbb22c1a0d0c2b918a6b9951dc1 large 876x566

ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު، އަބްދުލް ފައްތާހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ފައްތާހު ނިޔާވީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، އޭނާގެ އުފަން ރަށް ހއ. ކެލާގައި ހުއްޓައި ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ހއ. ދިއްދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ކެލާ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ހާލަތު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް ދިއްދޫ ހޮސްޕިޓަލަށް ގެންދިޔައީއެވެ.

މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ދާއިރާއިން، ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ފަންނުވެރިއެއް ކަމުގައިވާ ފައްތާހު ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވާ ކަމަށެވެ.

ފައްތާހަކީ ދިވެހި ފިލްމީ ސިނާއަތުގައި އިންގިލާބީ ބަދަލުތަކެއް ގެނައި ކާމިޔާބު އެތައް މަސައްކަތްތަކެއް ކުރެއްވި ފަންނާނެކެވެ. އޭނާ ޑައިރެކްޓް ކުރެއްވި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ”ހިމޭން ދުނިޔެ“، ”ވެހޭ ވާރޭ ތެރެއިން“، ”14 ވިލޭރޭ“، ”ޖިންނި“ އަދި ”އުދަބާނީ“ ފަދަ އުފެއްދުންތައް ހިމެނެއެވެ. މީގެ އިތުރުން ”އައިޝާ“، ”ރޭޝަމް“ އަދި ”ތިއޭ މިހިތުގެ ވިންދަކީ“ ފަދަ ޑްރާމާ ސިލްސިލާތަކަކީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި އުފެއްދުންތަކެކެވެ.

ފިލްމީ ދާއިރާއަށް ކުރެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، ސަރުކާރުން ވަނީ 2004 ވަނަ އަހަރު އޭނާއަށް ގައުމީ އިނާމު އަރުވާފައެވެ. ފައްތާހުގެ އެންމެ ފަހުގެ ފިލްމަކީ 2017 ވަނަ އަހަރު ރިލީޒްކުރި ”ހައްދު“ އެވެ. އެ ފިލްމަށްފަހު އޭނާ ވަނީ ފިލްމީ ދާއިރާއިން ރިޓަޔާކޮށް، އުފަން ރަށް ކެލައަށް ދިރިއުޅުން ބަދަލުކޮށް ރެސްޓޯރެންޓް ވިޔަފާރިއެއް ފަށާފައެވެ.

ނިޔާވިއިރު ފައްތާހު ހުރީ ސިޔާސީ ދާއިރާއަށް ނުކުމެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ޕީއެންސީގެ ޓިކެޓުވެސް ކަށަވަރުކޮށްގެންނެވެ. ފައްތާހު ނިޔާވުމަކީ ދިވެހި ފަންނުވެރިކަމުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު އުނިކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *