ރާއްޖޭގައި ހިންގާ އެކިއެކި މަޝްރޫއުތަކަށް ހާއްސަކޮށްގެން، އިމްޕޯޓް ޑިއުޓީ މައާފުކޮށްގެން އެތެރެކޮށްފައިވާ އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ދީފިއެވެ.
ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ވަކި މަޝްރޫއުތަކަކަށް ގެންނަ އުޅަނދުތައް އެ މަޝްރޫއެއް ނިމުމުން އަނބުރާ ރާއްޖެއިން ބޭރަށް ގެންދަންޖެހޭނެ ކަމަށެވެ. ނަމަވެސް، ބައެއް ފަރާތްތަކުން އެ އުޅަނދުތައް ބޭރަށް ނުގެންގޮސް، ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީ ނުދައްކައި، އެކި ފަރާތްތަކަށް ކުއްޔަށްދީގެން ވިޔަފާރި އުސޫލުން ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން، މިއަދުން ފެށިގެން އެފަދަ އުޅަނދުތައް ހޯދައި، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފަށް އުޅަނދު ބޭނުންކުރާ ފަރާތްތަކުގެ މައްސަލަ ބަލައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން، ދައްކަންޖެހޭ ޑިއުޓީ ނެގުމުގެ ކަންކަންވެސް ކުރިއަށްދާނެއެވެ.
މި ފިޔަވަޅުތައް އަޅަން ފަށާފައިވަނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން، 17 ޑިސެންބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޑިއުޓީ މައާފުކޮށް އެތެރެކުރާ އުޅަނދުތައް ގަވާއިދާ ހިލާފަށް ކުއްޔަށް ދޫކުރާތީ ލޯކަލް ވިޔަފާރިވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ރައީސަށް ހުށަހަޅުއްވާފައެވެ.









