Search Streamline Icon: https://streamlinehq.com

މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތް ހަދައިފި

Ec

ސިޔާސީ ޕާޓީތަކަށް މެންބަރުން އިތުރުކުރުމާއި ވަކިވުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަކުރުމުގެ ގޮތުން، މިއަދުން ފެށިގެން ސިޔާސީ ޕާޓީތަކުން ވަގުތުން ވަކިވެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، މި ބަދަލަކީ ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ރައްޔިތުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ގެނައި ބަދަލެކެވެ. މި ބަދަލާ އެކު މައި ޕޯޓަލް މެދުވެރިކޮށް ޕާޓީއަކުން ވަކިވާން އެދޭ ފަރާތްތަކުގެ ރިކުއެސްޓް ހުށަހެޅުމާއެކު، އެ ފަރާތެއް ވަގުތުން ޕާޓީގެ ދަފުތަރުން އުނިވާނެއެވެ.

މީގެ އިތުރުން، ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި:

ޕާޓީއަށް މެންބަރުން އިތުރުކުރުން:

މައި ޕޯޓަލް މެދުވެރިކޮށް ޕާޓީއަކަށް ވަނުމަށް އެދި ހުށަހަޅާ ރިކުއެސްޓްތައް ޕްރޮސެސް ކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. ނަމަވެސް، މި މުއްދަތު ހަމަވާއިރު ޕާޓީން އެ ރިކުއެސްޓާ މެދު ފިޔަވަޅެއް އަޅާފައި ނުވާނަމަ، އެ ފަރާތެއް އޮޓޮމެޓިކުން އެ ޕާޓީއެއްގެ ދަފުތަރުގައި ރަޖިސްޓަރީ ވާނެއެވެ.

ޕާޓީން މެންބަރުން ވަކިކުރުން:

ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ މެންބަރަކު ވަކިކުރަން ބޭނުންވާ ހާލަތްތަކުގައި، ޕާޓީތަކަށް ދޫކޮށްފައިވާ ’ސިމެދަ‘ ޕޯޓަލް މެދުވެރިކޮށް އެ ރިކުއެސްޓް ހުށަހެޅުމުން އެ މެންބަރަކު ދަފުތަރުން އުނިވާނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައެވެ.

އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން:

އުސޫލަށް ބަދަލުތަކެއް ގެނައި ނަމަވެސް، އީސީގައި ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާނަމަ، އެ މަގާމަކުން ވަކިވުމަށް ހުށަހަޅަންޖެހޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ގެނައި މި ބަދަލުތަކަކީ ޕާޓީތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި، މީހުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. މި އައު އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *