މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި، އެ ކޯޕަރޭޝަންގެ އައު ވެބްސައިޓް މިއަދު ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، އަލަށް ފަރުމާކުރެވުނު މި ވެބްސައިޓަކީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އޮންލައިންކޮށް ޚިދުމަތްތައް ހޯދޭނެ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ސައިޓެކެވެ. މިގޮތުން ކުރިން ބޭނުންކުރަމުން އައި mhcl.mv ގެ ބަދަލުގައި، ދެން އެ ކޯޕަރޭޝަންގެ ޚިދުމަތްތައް ހޯދުމަށް ބޭނުންކުރާނީ hajj.mv އެވެ.
މި ވެބްސައިޓާއެކު ތައާރަފްކުރެވުނު ”ފަހެލި“ ޕޯޓަލް މެދުވެރިކޮށް، ކޯޕަރޭޝަންގެ އެކި ޚިދުމަތްތަކަށް ރަޖިސްޓްރީވުމާއި، އޮންލައިންކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ތިމާ ދައްކާފައިވާ ފައިސާގެ ތަފްސީލާއި، ފައިސާ ދެއްކިފައިވާ މިންވަރުވެސް މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ވަގުތަކުވެސް ބަލައިލެވޭނެއެވެ.
އައު ވެބްސައިޓުން ލިބޭނެ އިތުރު ލުއިފަސޭހަތަކުގެ ތެރޭގައި:
- ޙައްޖާއި ޢުމްރާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބުން.
- ޢުމްރާ އަދި އެހެނިހެން ޕެކޭޖްތަކުގެ ތަފްސީލް ބަލައިލުން.
- ކޯޕަރޭޝަންގެ އެންގުންތަކާއި، ހަރަކާތްތަކުގެ ފޮޓޯ އަދި ޚަބަރުތައް ވަގުތުން ލިބުން.
ހައްޖު ކޯޕަރޭޝަނުން ވިދާޅުވީ، މިއީ އެ ކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ބާރުއަޅަމުންނެވެ.









