Search Streamline Icon: https://streamlinehq.com

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: މިނިސްޓަރ އާދަމް ޝަރީފް ޢުމަރު

Adam Shareef Umar

ކުރިމަތިވަމުން އަންނަ ބަރަކާތްތެރި ރަމަޟާން މަހު ސަރުކާރުން ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅުކޭސް ބެހުމުގެ މަސައްކަތް މިހިނގާ ޖަނަވަރީ މަހުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އައު އަހަރަށް އެ މިނިސްޓްރީން ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން މުވައްޒަފުންނާ ބައްދަލުކުރައްވާ މިނިސްޓަރ މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ ރަމަޟާން މަހެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހުވެސް ރޯދަ ހަދިޔާ ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައެވެ.

މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މިނިސްޓަރ ވިދާޅުވީ މިއަހަރު އީދުގައި ވެސް އާބާދީ ބޮޑެތި ރަށްރަށުގައި އީދު ދިއްލުންތައް ދިއްލަން ހަމަޖެހިފައިވާކަމަށާއި، ސިޓީތަކަށް ވެސް އީދު ލައިޓް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައެވެ.

މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.

އަންނަ ރަމަޟާން މަހު ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭސް ދިނުމަށް ނިންމަވާފައިވާއިރު، މަސަދަޅުކޭޙުގެ އިރތުރުން ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބީސީއަކަށް ރޯދަ މަހު އެންމެ ބޮޑުވެގެންވެސް ލިބޭނީ، 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *