ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ބާއްވާ އިންތިހާބާއި މަޖިލީސް އިންތިހާބު އެކުއެކީގައި ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް މިއަދު ބަލައިގަނެފިއެވެ.
ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުން، މިއަދު ބޭއްވި ޖަލްސާގައި މި ބިލް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވި46 މެންބަރުންވަނީ ތާއީދު ކުރައްވާފައެވެ.
މެންބަރު ފަލާހު ހުށައެޅުއްވި މި ބިލްގައި ޤާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބު ބާއްވަންވާނީ، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައިކަމަށް ހިމަނާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފަސް އަހަރުގެ ގޮތުގައި ކަނޑައަޅައި، މި މުއްދަތު ހަމަވުމާއެކު މަޖިލިސް އުވިގެންދާގޮތަށް އިސްލާހުކުރުމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ޚަރަދުތައް ކުޑަކޮށް، ހަރުދަނާ ސިޔާސަތެއްގެ ތެރެއިން އިންތިޚާބުތައް ބޭއްވުމަށްޓަކައި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށް ބޭއްވުމަކީ އެންމެ ފައިދާ ބޮޑު ގޮތްކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއީއްޒުވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިޚާބަށް 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި މަޖިލިސް އިންތިޚާބުގައި 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މިގޮތަށް ދެ އިންތިހާބު އެއްކޮށްލައިފިނަމަ މަޖިލީސް އިންތިހާބަށް މިހާރު ކުރަމުން އަންނަ ޚަރަދު ސަލާމަތް ކުރެވޭނެކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ.
އައު ސަރުކާރެއް އައުމަށްފަހުގައި އެސަރުކާރުގެ ދައުރު މެދުތެރެއިން އިންތިހާބެއް އައުމަކީ ޕާޓީތަކަސް މިހާރުއޮތް ގޮންޖެހުމެއްކަމަށް، ގިނަ ސިޔާސީ ފަރާތްތަކުން ފާހަގަކުރާއިރު، ރިޔާސީ ދައުރު5 އަހަރުން10 އަހަރަށް ބަދަލު ކުރުމަކީ އެއންމެ އެކަށޭނެގޮތުގައި ރައްޔިތުން ބޭނުންވާ ކަންކަން ތަންފީޒުކޮށްދެވޭނެ މުއްދަތުކަން ވެސް ގިނަ ފަރާތްތަކުން އަންނަނީ ފާހަގަކުރައްވަމުންނެވެ.









