ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ގާއިމުކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލުމަކީ ދެ ގައުމުގެ އިގްތިސާދަށާއި ރައްޔިތުންނަށް ނުހަނު ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައާއި، ވިސާގެ މުއްދަތު އިތުރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވެސް ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ބޯޑާ ކޮންޓްރޯލްތައް ނިމުމަކަށް ގެނެސް، ވިސާ އާއި ވޯކްޕާމިޓް ފަދަ އިޖުރާއަތްތައް އުވާލުމަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާ ކުރިއަރައި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށެވެ.
I believe removing border controls between Maldives and Sri Lanka would significantly benefit the people of both countries, fostering greater economic and social integration. Eliminating visa requirements and work permits could enhance trade, tourism, and people-to-people…
— Mohamed Nasheed (@MohamedNasheed) January 8, 2026
ލަންކާގެ ”ޑެއިލީ ނިއުސް“ އަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު މަސްއޫދު އިމާދު ވަނީ ލަންކާގެ އިމިގްރޭޝަނުން ދިވެހިންނާ މެދު އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.އެގޮތުން ވިސާގެ ކަންކަމުގައި ދިވެހިން ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށް ދިގު ކިއޫތަކުގައި މަޑުކުރަން ޖެހޭ ކަމާއި، ލަންކާގެ އިމިގްރޭޝަން އޮފިސަރުން ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ތުހުމަތު ވެސް ސަފީރު ވަނީ ކުރައްވާފައެވެ.
މިހާރު އޮންނަ އުސޫލުގެ ދަށުން ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ ހިލޭ ޓޫރިސްޓް ވިސާ ލިބެއެވެ. ނަމަވެސް، ލަންކާގައި ދިރިއުޅޭ ދިވެހިން ބުނާ ގޮތުގައި ވިސާ އާކުރަން އުޅުމުގެ ތެރޭގައި އިމިގްރޭޝަންގެ މުވައްޒަފުންގެ ފަރާތުން ޒާތީ ފުރައްސާރައާއި ތަފާތު އެކި ހުރަސްތައް ކުރިމަތިވަމުންދެއެވެ.
ރާއްޖެއާއި ލަންކާއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމަށް ވީއިރު، ވިސާގެ މައްސަލައިގައި ކުރިމަތިވަމުންދާ މިފަދަ ދަތިތަކަށް ދާއިމީ ހައްލެއް ބޭނުންވެފައިވާ ކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
މަސްއޫދު ވިދާޅުވީ ޓްރެވަލް އޭޖެންޓުން މެދުވެރިކޮށް ވިސާއަށް ހުށަހެޅުމުން ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭ ކަމަށެވެ. އެކަމަކު، ޓްރެވަލް އެޖެންޓުން ވެސް އެކަން ކުރަނީ ދިވެހިން އަތުން އިތުރަށް ފައިސާ ނަގައިގެން ކަން ސަފީރު ތުހުމަތު ކުރެއްވިއެވެ.









