ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު, ސްރީލަންކާގެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންވާ، ބޭފުޅެއްކަމުގައިވާ އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސައާ ބައްދަލު ކުރައްވައިފިއެވެ.
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސައަކީ އެ ޤައުމުގެ ޕާލަމެންޓް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންވާ ނުފޫޒުގަދަ މެމްބަރެކެވެ. މަހިންދަ އިސްކޮށް ހުންނަވާ އެސްއެލްޕީޕީ ހިންގެވުމުގައިވެސް އެންމެ އިސްކޮށް އުޅުއްވަނީ ނަމާލް އެވެ.
ދިވެހި ސަފީރާއި ނަމާލުގެ މިބައްދަލްވުން އިންތިޒާމް ކުރައްވާފައި މިވަނީ ސްރީލަންކާއަށް ޒިޔާރަތްކުރާ ދިވެހިންނާއި އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ހޯދުމުގައި ސްރީލަންކާ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުންގެ ފަރާތުން ދަތިތައް ކުރިމަތިކުރުވަމުންދާކަމަށް ވިދާޅުވެ، އިމާދު ލަންކާގެ ކަމާގުޅޭ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވާ ދަނޑިވަޅެއްގައެވެ.
ލަންކާގެ ކުރީގެ މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ނިސްބަތްވެވަޑައިގަންނަވާ އެސްއެލްޕީ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ނަމަލް ކުރެއްވި ’އެކްސް‘ ޕޯސްޓެއްގައި ”ސްރީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ ދެވަނަ ގެ“ ކަމުގައި ސިފަކުރައްވައި ނަމަލް ވިދާޅުވެފައިވަނީ ދެ ޤައުމެއްގެ ދެމެދުގައި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް، ބިނާކުރަނިވި މަޝްވަރާ ވަރަށް މުހިންމު ކަމުގައެވެ. އަދި އެކުގައި ދެ ޤައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ދިވެހި ސަފީރު ވިދާޅުވީ ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ދިގު ކިއުތަކުގައި ގިނަވަގުތު ހޭދަކުރަން މަޖުބޫރުވެފައިވީނަމަވެސް ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ވިސާގެ ކަންކަން ކުރިއަށް ގެންދާއިރު، އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވަގުތަށް ވިސާ ލިބޭކަމުގައެވެ. އެހެންކަމުން މިކަމުގައި އެ ޑިޕާޓްމަންޓުގެ އޮފިޝަލުންނަށް މާލީ ގޮތުން ފައިދާތަކެއް ލިބެމުންދާކަމަށް ބެލެވޭ ކަމަށް ވެސް މަސްއޫދު ވަނީ ތުހުމަތުކުރައްވާފައެވެ.









