Search Streamline Icon: https://streamlinehq.com

ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެއް: ރައީސުލްޖުމްހޫރިއްޔާ

Raees Muizzu Jagana PNC

ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތިން ބާރު ވަކިވެފައިވާއިރު، ކައުންސިލުތަކަކީ، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއްކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ. އަދި ކައުންސިލް އިންތިޚާބުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަޤްޞަދުގައި ބަޔަކު އިންތިޚާބުކުރެވިއްޖެނަމަ، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ހިނގާނީ މުނިސިޕަލް އަދި ތަރައްޤީގެ މަސައްކަތްތުގެ ބަދަލުގައި ސިޔާސީ މަސައްކަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތްކުރައްވަމުން ވިދާޅުވީ، ސަރުކާރުން ރާއްވަވާފައިވާ، ފައްޓަވާފައިވާ އަދި ބަޖެޓުކުރައްވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި، ހުރިހާ ފެންވަރެއްގައިވެސް ރައްޔިތުންގެ މަންދޫބުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ތަރައްޤީއަށް މިހާރުވެސް ކުރައްވަމުންގެންދަވާ އެކި މަސައްކަތްތަކާއި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ ފަދަ ޢަމަލުތައް ބައެއް ކައުންސިލްތަކުން ހިންގުމުން، ބުރެކިޖެހި، މަޑުޖެހި ފަހަތަށް ޖެހެނީ ރައްޔިތުންގެ ތަރައްޤީކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އިންތިޚާބަކީ، އިދިކީލި ސިޔާސީ ފިކުރުގެ ސަބަބުން ތަރައްޤީގެ ދުވެއްޔަށް ހުރަސް ނޭޅޭނޭ ފަދަ ގޮތަކަށް ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ މަންސައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ސަރުކާރަކީ، ފަރުދީ މަސްލަހަތަށްވުރެ، ޤައުމީ މަސްލަހަތު އިސްކުރާ، އަދި ރައްޔިތުންނާ އެކު، ރައްޔިތުންގެ ފަޅީގައި މަސައްކަތްކުރާ ސަރުކާރެއްކަމަށް ވިދާޅުވާ ވިދާޅުވުން، އެ ޙަފުލާގައިވެސް އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ޕީއެންސީގެ އިސް އޮފިޝަލުންނާއި ގިނަ ޢަދަދެއްގެ ޢާންމު މެންބަރުން ބައިވެރިވެވަޑައިގަތެވެ.

Leave a Reply

Your email address will not be published. Required fields are marked *