ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާނަމަ އެކަން ރިޕޯޓުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުތަކާ ދިމާކޮށް ވޯޓަށް ނުފޫޒު ފޯރުވުމަށް ހިންގާ މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމައަށް އޭގެ ނުބައި އަސަރު ކުރާނެ ކަމަށެވެ. އެހެންކަމުން، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށާއި، ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ބޯލެނބުމަށް އޭސީސީން ވަނީ ހަނދާންކޮށްދީފައެވެ.
ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުވެ، ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް އެންމެން ވެސް ތަބާވާންވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އޭސީސީން އިތުރަށް ބަޔާންކޮށްފައިވަނީ، އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ނުވަތަ ހަދިޔާއެއް ހުށަހަޅައިފިނަމަ، އެކަމުގެ މައުލޫމާތު ލަސްނުކޮށް ކޮމިޝަނަށް ހުށަހެޅުމަށެވެ.
މައްސަލަ ރިޕޯޓުކުރާއިރު، ކަން ހިނގި ގޮތުގެ ތަފްސީލާއި، މައްސަލަ ރައްދުވާ ފަރާތުގެ މައުލޫމާތު ހިމެނުމަށް ވެސް އެދިފައިވެއެވެ. މިފަދަ މައްސަލަތައް އަމިއްލަ އިސްނެގުމުގައި ވެސް ތަހުގީގު ކުރާނެ ކަމަށް ބުނަމުން އޭސީސީން ފާހަގަކުރީ، ރަށާއި ދާއިރާގެ ތަރައްގީއަށް ގާބިލު ބަޔަކު އިންތިހާބު ކުރެވޭނީ ރައްޔިތުން ނަޒާހަތްތެރިކަމާއެކު ނިންމާ ނިންމުންތަކުން ކަމަށެވެ.









