މަސްތުވާތަކެތީގެ ވަބާއިން ދިވެހި ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ފުލުހުން ފައްޓަވާފައިވާ ”އަލިމަގު“ އޮޕަރޭޝަނުގައި ގއ. އަތޮޅާއި މާލެއިން ހައްޔަރުކުރި ޑްރަގު ނެޓްވޯކެއްގެ ބޭންކު އެކައުންޓުގައި ފަސް އަހަރު ދުވަހުގެތެރޭގައި 300 މިލިއަން ރުފިޔާއާއި ހަތަރު ލައްކަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ގއ. އަތޮޅުން ހައްޔަރުކުރި ޑްރަގް ނެޓްވޯކުގެ މެމްބަރުންގެ އެކައުންޓުތަކުގައި 300 މިލިއަން ރުފިޔާއާއި ހަތަރު ލައްކަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަމަށާއި މި މައްސަލައިގައި 53 ބޭންކް އެކައުންޓް ފްރީޒްކޮށްފައިވާކަމުގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައިވަނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައެވެ. އަދި މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފުލުހުން ޚާއްޞަ ތަޙްޤީގެއް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަޙްޤީގަށް ހޯދިފައިވާ ކަމަށާއި، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މިނެޓްވޯރކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ނެޓްވޯރކް އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑަރ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށާއި މި ހުރިހާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12ރ. ދައުރުކޮށްފައިވާ ކަމަށާއި ނަމަވެސް، މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99ރ. ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، އަޙްމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60ރ. ދައުރު ކޮށްފައިވާއިރު މި މުއްދަތުގެ ތެރޭގައި އޭނާގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32ރ. އެވެ.
މި މައްސަލައިގައި ހިމެނޭ ޝައްފާޙް ލަޠީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83ރ. ދައުރު ކޮށްފައިވާއިރު މި މުއްދަތު ތެރޭގައި ޝައްފާޙުގެ ބޭންކް އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36ރ. ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒް ކުރެވިފައިވާ ކަމުގައެވެ.









