Search Streamline Icon: https://streamlinehq.com

ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުން އެމްޑީޕީން ކުށްވެރިކޮށްފި

MDP in Road

ތަރައްޤީއަށް ހުރަސް އަޅަނީ ކައުންސިލްތަކުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުން މައި އިދިކޮޅު ޕާޓީ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބުރަނުވެ، ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމުގައި ކަމަށް ވިދާޅުވެ އިދިކޮޅު މައިޕާޓީ އެމްޑީޕީން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

ޕީއެންސީ އޮފީސް ހުޅުވަން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އެތައް ރަށެއްގައި މީގެ ދެ މަސް ނުވަތަ ތިން މަސް ކުރިން ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމުގައެވެވެ. ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ނުފެށި ހުރި މަޝްރޫއުތަކުގެ ތެރޭގައި މިސްކިތް އެޅުމާއި ސްކޫލްތަކާއި ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުތައް ކުށްވެރިކުރައްވަމުން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ޕީއެންސީ ގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެއްވެސް ޙަޤީޤަތެއްގެ މައްޗަށް ބުރަނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިޚާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމުގައި ކަމަށް މި ޕާޓީއިން ޤަބޫލުކުރާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމުގައެވެ.

”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ 2010 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ފާސްކުރި ވަރަށް މުހިއްމު ގާނޫނެކެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ސިފައެއް ކަމުގައި ކަނޑައަޅާ ވަކި ބާބެއް ލާމަރުކަޒީ ނިޒާމަށް ޚާއްސަ ކުރެވިފައިވުމަކީ ވެރިކަން ހިންގުމުގައި މި އަސާސްގެ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެކެވެ.“ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ވެރިކަމުގައި ސަރުކާރުން ކައުންސިލްތަކަށް ހޯދައިދިން މާލީ މިނިވަންކަމާ އެކު، ސަރުކާރަށް ބަރޯސާނުވެ ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް މިދިޔަ ދެ އަހަރު ވަނީ ހިންގާފައިވާ ކަމުގައެވެ. ނަމަވެސް މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްޤީއަށް އެދެވޭ ބަދަލެއް ގެނެވިފައި ނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވަޢުދުތައްވެ، އެ ވަޢުދުތައް އަލުން އާކުރުން މަތީ ދެމި ތިބީތީ ކަމަށާއި އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނާދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މަޝްވަރާކޮށް، ފަސް އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީ ޕްލޭން ތަންފީޒުކޮށް، ހިންގުންކަމާއި އެ ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒު ކުރަމުން ދަނިކޮށް ލާމަރުކަޒީ ޤާނޫނަށް ބަދަލުގެނެސް، ތަރައްޤީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް މެދުކަނޑާލާފައިވާކަންވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ބުނިގޮތުގައި ކައުންސިލްތަކަކީ ވަކި ޤާނޫނީ ޝަހުސެއްކަމާއި އަމިއްލައަށް ކަންކަން ރާވާ ހިންގޭނެ ގޮތް ޤާނޫނުން ކައުންސިލްތަކަށް ފަހިކޮށްދީފައި ވާކަމަށާއި، ޤާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްޤީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް ގޮވާލާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންގެ އިތުބާރާއި ތާއީދު ލިބިފައިވާ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ މަޝްވަރާއެއް ނެތި އެއްވެސް ބަދަލެއް ނުގެނައުމަށް ގޮވާލާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *