އަންނަ އެޕްރީލް މަހުގެ 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 16 ވާ ހުކުރު ދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.
އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމަށް މާލެ ސަރަހައްދާއި އަތޮޅުތަކުގެ ގިނަ ރަށްރަށުގައި ވޯޓުފޮށިތައް ބަހައްޓާނީ އެ ރަށްރަށުގެ ސްކޫލްތަކުގައެވެ. އަދި މާލެ ސަރަހައްދުގައި މަޖީދިއްޔާސްކޫލާއި، ގަލޮޅު މަދުރަސާއަދި ހިރިޔާ ސްކޫލާއި، އިސްކަންދަރު ސްކޫލުގައި ވޯޓުފޮށި ބަހައްޓާއިރު، ހުޅުމާލޭގައި ޣާޒީ އަދި ކާމިލްދީދީ ސްކޫލުގައި ވޯޓުފޮށި ބަހައްޓާނެއެވެ. މީގެ އިތުރުން ވިލިމާލޭގައި މުޙްޔިއްދީން ސްކޫލުގައި ވޯޓުލުން ކުރިއަށްދާނެއެވެ.
އެމްޑީޕީން ހާމަކުރެއްވި ގޮތުގައި 16 ޖަނަވަރީ 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ޕްރައިމަރީ އިންތިޚާބު 2026 ގައި ކުރިން ކަލާފާން ސްކޫލްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ރަށްތަކާއި، ހިތަދޫ މޫލެކެޑެ، ފޭދޫ މާދެލަ، ފުވައްމުލަކު ސިޓީގެ ދޫޑިގަން އަދި ތިނަދޫ ސިޓީގެ ފޮށިތައް ބެހެއްޓިފައި ހުންނާނީ މަޖީދިއްޔާ ސްކޫލްގައެވެ.
މި މަހުގެ 16 ވަނަދުވަހު ބާއްވާ އެމްޑީޕީ ޕްރައިމަރީގައި ޖުމްލަ 152 ކެނޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި ކައުންސިލްތަކުގެ އެކި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތައް ހިމެނެއެވެ.
މިއީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ސްކޫލްތަކުގައި ބޭއްވުމަށް ސަރުކާރުން އަލަށް ހުޅުވާލި ފުރުޞަތުގެ ދަށުން ބާއްވާ އިންތިޚާބެކެވެ.
ސަރުކާރުގެ އައު ސިޔާސަތުގެ ދަށުން، ސްކޫލްތަކުގެ ކިޔެވުމަށް ދަތިނުވާގޮތަށް ބަންދު ދުވަސްތަކުގައި ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ސްކޫލްތައް ބޭނުންކުރުމުގެ ހަމަހަމަ ފުރުޞަތުތައް ސަރުކާރުން ވަނީ ފަހިކޮށްދެއްވާފައެވެ.









