Search Streamline Icon: https://streamlinehq.com

ބަންގްލަދޭޝް އިން އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލަން ނިންމި ނިންމުން ބަދަލުކޮށްފި

Bangladesh voa jpg

ކުރިއަށް އޮތް ބަންގްލަދޭޝްގެ އާންމު އިންތިޚާބާ ގުޅިގެން، އެ ގައުމުން ބޭރުގެ ފަރާތްތަކަށް ދޫކުރާ އޮން-އެރައިވަލް ވިސާގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.

ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ނިންމުމަކީ އިންތިޚާބާ ދިމާކޮށް ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، ރިފަރެންޑަމްއަކަށް ތައްޔާރުވުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން، ދުރާލައި އެ ގައުމުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް މެދުވެރިކޮށް ވިސާ ހޯދަން ޖެހޭނެއެވެ. މިއީ އާންމު އިންތިޚާބުގެ ދުވަސްވަރު ގައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބަންގްލަދޭޝްގެ ދާޚިލީ ވުޒާރާއިން ފާހަގަކުރެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ހާމަކުރިގޮތުގައި ވަގުތީގޮތުން އޮން-އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލަން މީގެކުރިން ނިންމާފައިވީ ނަމަވެސް، އެނިންމުން އަނބުރާ ގެންދަން، ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ނިންމަވާފައެވެ. އެހެންކަމުން، ބަންގްލަދޭޝްއަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ އާންމު އިންތިޚާބަކީ އެ ގައުމުގެ ސިޔާސީ މަސްރަހުގައި ވަރަށް މުހިންމު ކަމަކަށް ވާއިރު، މި ދުވަސްވަރު ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން އަންނަނީ ހާއްސަ ތައްޔާރީތަކެއް ވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *