ދިވެހިރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރައްޔިތުންގެ މެދުގައި އެމްނެ މަޤްބޫލު ލީޑަރަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤާއްޔޫމް ކަމަށް ބާނީ ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ބާނީ ސެންޓަރ ފޯ އިންޓަނޭޝަނަލް ޕޮލިސީއިން ކުރިއަށްގެންދިޔަ މި ދިރާސާގައި ޖުމްލަ 391 މީހުން ބައިވެރިވެފައިވެއެވެ. މި ދިރާސާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ހަ ލީޑަރެއްގެ މަޤުބޫލުކަން ވަޒަންކުރުމަށް ކުރި ދިރާސާއެކެވެ.
ކޮންމެ ލީޑަރަކަށް 1 އިން 10 އާއި ދެމެދުގެ ރޭޓިންއެއް ދިނުމަށް ހަމަޖެހިގެން ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާ ދައްކާގޮތުން އެންމެ މަޤްބޫލު ލީޑަރަކަށް ހޮވިވަޑައިގެންފައިވާ ރައީސް ޔާމީން އެއްވަނަ ލިބިވަޑައިގެންފައިވަނީ 5.6 ގެ ސްކޯއިންނެއެވެ.
މި ދިރާސާ ލިސްޓުގެ ދެވަނައިގައި 5.3 ގެ ސްކޯއަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގެންފައިވާއިރު، ތިންވަނަ ލިބިވަޑައިގެންފައިވަނީ 4.9 ގެ ސްކޯއެއް ހޯއްދެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެވެ.
މި ދިރާސާ އިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ހަތަރުވަނަ ލިބިވަޑައިގެންފައިވަނީ 4.5 ގެ ސްކޯއަކާއެކުންނެވެ. އަދި މި ދިރާސާގެ ފަސްވަނަ ލިބިވަޑައިގެންފައިވަނީ އަބްދުﷲ ޝާހިދު 2.3 ސްކޯއަކުންނެވެ. އަދި ހަވަނަ ލިބިވަޑައިގެންފައިވާ ފައްޔާޒް އިސްމާޢީލް އަށް 2.1 ލިބިވަޑައިގެންފައިވެއެވެ.










