މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ދެއްވާ ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސްތައް އުފެއްދުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިން ކޯޕަރޭޝަން (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯގެ ސީނިއާ ޕީއާރް މެނޭޖަރު ޝިފްޒާ މުސްތަފާ ”ވަގުތު“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވާ 118,977 މަސްދަޅު ކޭހުގެ ތެރެއިން 115,078 ކޭސް މިހާރު ވަނީ އުފައްދައި ނިންމާފައެވެ. އެއީ މުޅި ޕްރޮޑަކްޝަންގެ 96.7 އިންސައްތައެވެ. ބާކީ ހުރި 3,899 ކޭސް އުފައްދައި، މި މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ކަނޑައެޅި ތާރީޚަށްވުރެ ކުޑަކޮށް ލަސްވީ، މި ދުވަސްވަރު ބާޒާރުގައި މަސްދަޅަށް އޮތް ޑިމާންޑް ބޮޑުވުމާ ގުޅިގެން އެ ބޭނުންތައް ފޫބައްދަން ޖެހުމުން ކަމަށް މިފްކޯއިން ބުނެއެވެ. ނަމަވެސް ސަރުކާރުން މަސްދަޅު ބަހަން ފަށަންވާއިރަށް ހުރިހާ ސްޓޮކެއް ތައްޔާރުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
މިއަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 180 ގްރާމްގެ 48 ދަޅު ހިމެނޭ މަސްދަޅު ކޭހެކެވެ. މިދިޔަ އަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހާފައިވާއިރު، އޭގެ ކުރީ އަހަރު ދީފައިވަނީ ކާޑުގެ ބާވަތްތަކެވެ.
މި މަޝްރޫއުގެ ދަށުން މަސްދަޅު ބެހުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ މިނިސްޓްރީ އާއި އެސްޓީއޯ އަދި ރަށު ކައުންސިލްތައް ގުޅިގެންނެވެ. މިގޮތުން އުތުރާއި ދެކުނުގެ ރަށްތަކަށް ފަސޭހައިން މަސްދަޅު ފޯރުކޮށްދިނުމަށްޓަކައި ކުޅުދުއްފުށްޓާއި އައްޑޫ ސިޓީގައި މިހާރުވެސް ސްޓޮކްތައް ރައްކާކުރަން ފަށާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ރޯދަ ހަދިޔާ ލިބޭނެ ގޭބިސީތަކުގެ ގޮތުގައި ބަލަނީ ވަކިން ކައްކައި ކައިބޮއި އުޅޭ ދިވެހި އާއިލާތަކެވެ. ކޮންމެ ގޯއްޗަކުންވެސް އެ ގޯއްޗެއްގައި ހިމެނޭ ހުރިހާ ގޭބިސީތައް ހިމަނައިގެން ފުރަންޖެހޭނީ އެއް ފޯމެވެ. މި އަހަރު ބަހާ 118,977 ކޭހަކީ މިދިޔަ އަހަރު ބެހި 111,231 ކޭހަށްވުރެ އިތުރު އަދަދެކެވެ. ސަރުކާރުން އަދި މި ހަދިޔާ ބަހަން ފަށާނެ ތާރީޚެއް ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ.










