Search Streamline Icon: https://streamlinehq.com

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މީހާ އުމުރަށް ޖަލަށް

Fad520d0 f655 11f0 b5f7 49f0357294ff.jpg

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެފައިވާ ޓެޓްސުޔާ ޔަމަގާމީ އުމުރަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފިއެވެ.

2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ޖަޕާނުގެ ނާރާ ސިޓީގައި ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށް، އަމިއްލައަށް ތައްޔާރުކޮށްފައިވާ ބަޑިއަކުން އަބޭއަށް ހަމަލާދީ އަވަހާރަކޮށްލި މައްސަލާގައި ޔަމަގާމީ ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ކުށަށް އިއުތިރާފުވެފައެވެ. މި މައްސަލާގައި ދައުލަތުގެ ވަކީލުން އެދިފައި ވަނީ ޔަމަގާމީ އުމުރަށް ޖަލަށްލުމަށެވެ. ވަކީލުން ފާހަގަކުރި ގޮތުގައި މިއީ މުޅި ގައުމު ސިއްސުވާލި، ނުހަނު ސީރިއަސް ޖަރީމާއެކެވެ.

ނަމަވެސް، ޔަމަގާމީގެ ދިފާއީ ވަކީލުން ވަނީ އޭނާއަށް ލުއި އަދަބެއް ދިނުމަށް އެދިފައެވެ. އެގޮތުން އޭނާގެ އަދަބު 20 އަހަރަށް ވުރެ ކުރުކޮށްދިނުމަށް ވަކީލުން ވަނީ އެދިފައެވެ.

ދިފާއީ ވަކީލުން ބުނާ ގޮތުގައި ޔަމަގާމީގެ މަންމަ ޔުނިފިކޭޝަން ޗާޗްއަށް ތާއީދުކޮށް، އާއިލާގެ ހުރިހާ މުދަލެއް، ގާތްގަނޑަކަށް 100 މިލިއަން ޔެން ޗާޗަށް ހަދިޔާކުރުމުގެ ސަބަބުން އާއިލާ ބަނގުރޫޓުވެ، ޔަމަގާމީގެ ދިރިއުޅުން ބަރުބާދުވިއެވެ. ޝިންޒޯ އަބޭއަށް އޭނާ ހަމަލާދިނީ، އެ ޗާޗާ އަބޭއާ ގުޅުން އޮންނަ ކަމަށް ގަބޫލުކުރެވޭތީއެވެ.

ޔަމަގާމީގެ ޝަރީއަތުގައި ދިފާއީ ހެކިވެރިއެއްގެ ގޮތުގައި ހެކިބަސް ދިން ޔަމަގާމީގެ އެއްބަނޑު އެއްބަފާ ކޮއްކޮ ވަނީ އޭނާގެ މަންމަ ޗާޗުގައި ވަރަށް ބޮޑަށް ބައިވެރިވުމުގެ ސަބަބުން އޭނާ އާއި އޭނާގެ އެއްބަނޑު އެއްބަފާ މީހުން ތަހައްމަލު ކުރި ހިތާމަވެރި ހާލަތުގެ ވާހަކަ ކިޔައިދީފައެވެ.

މި ހާދިސާއާ ގުޅިގެން ޖަޕާނުގެ ސިޔާސީ މަޝްރަހަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، ދެކުނު ކޮރެއާގައި އުފެދުނު ޔުނިފިކޭޝަން ޗާޗު 1960 ގެ އަހަރުތަކުގައި ޖަޕާނަށް އައިސް ސިޔާސީ ފަރާތްތަކާ ގުޅުން ބަދަހި ކުރިކަން ވަނީ ހާމަވެފައެވެ. މީގެ ސަބަބުން ބައެއް ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވިއިރު، މިދިޔަ އަހަރު ކޯޓަކުން ވަނީ އެ ޗާޗުގެ ދީނީ ޖަމާއަތެއްގެ ހައިސިއްޔަތުވެސް އުވާލާފައެވެ.

އެ ޗާޗުގެ ސަޕޯޓަރުންނަށް އަގުބޮޑު ތަކެތި ގަންނަން މަޖުބޫރު ކުރުވާފައިވާތީ އެ ޗާޗަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މި މައްސަލައިގެ ޝަރީއަތުގައި ވާހަކަދައްކަވަމުން އަބޭގެ އަންހެނުން، އަކިއޭ އަބޭ ވިދާޅުވީ ފިރިކަލުން ވަކިވެދިޔުމުގެ ހިތާމަ ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ. އަދި ޔަމަގާމީގެ އަސްލު އަމާޒަކީ ޗާޗުގެ އިސްވެރިން ކަމަށާއި، އަބޭއަކީ ހަމައެކަނި ބޭނުންކުރި ވަސީލަތެއް ކަމަށް ބުނުމުން އަކިއޭ ވަނީ އެކަމާ ނުހަނު ބޮޑަށް ހިތާމަފާޅުކުރައްވާފައެވެ.

މި މައްސަލާގައި ޖަޕާނުގެ އާންމުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް މީހުން ޔަމަގާމީއަކީ ނުލަފާ ގާތިލެއްގެ ގޮތުގައި ދެކޭއިރު، އަނެއް ބަޔަކު އޭނާގެ އާއިލާއަށް ދިމާވި ހިތްދަތި ހާލަތުގެ ސަބަބުން އޭނާއަށް ހަމްދަރުދީވެއެވެ. ނަމަވެސް، ގާނޫނީ މާހިރުން ބުނާ ގޮތުގައި އަމިއްލަ ހިތްދަތި ތަޖުރިބާއަކީ ބޮޑުވަޒީރަކު އަވަހާރަކޮށްލުން ފަދަ ބޮޑު ކުށަކަށް އޮތް އުޒުރެއް ނޫނެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *