Search Streamline Icon: https://streamlinehq.com

އޮޅުވާލި މީހާ ޖަމާކުރި އެކައުންޓުތައް އެނގޭއިރު ޖިނާއީ ދައުވާ ކުރަން ނޭނގެނީ ކީއްވެތޯ؟: ބޮންޑޭ

MP Bonde

މަކަރާއި ޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ”ފޭރިގެންފައި“ ވާކަމަށް ފުލުހުން ހާމަކުރެއްވި ތަފާސްހިސާބުތަކާއި މައުލޫމާތާ ގުޅިގެން، މާފަންނު މެދު ދާއިރާގެ މަޖްލިސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ފުލުހުންނަށް ފާޑުވިދާޅުވެއްޖެ އެވެ.

”އެކަކުގެ ނަމުގައި 800 ފޯނު ނަންބަރު، ސްކޭމްތައް ހަދަނީ ޖަލުގައި!“ މި ސުރުޚީގައި އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ހިއްސާކުރެއްވުމާއެކު މެމްބަރު ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، 800 ފޯނު ނަމްބަރު ގަތް މީހާއާއި، އޮޅުވާލި މީހާ ޖަމާކުރި އެކައުންޓުތަކާއި އަދި މި އަހަރު 7.4 މިލިއަން ރުފިޔާ އެގޮތުން ފޭރުނުކަން ވެސް އެނގޭއިރު، އެހުރިހާ ފައިސާ ހޯދަން ޖިނާއީ ދައުވާ ކުރަން ނޭނގެނީ ކީއްވެތޯއެވެ.

ޓީ.ވީ.އެމް އިން ގެނެސްދޭ ”ރާއްޖެމިއަދު“ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި ހާމަކުރަށްވާފައިވާ ގޮތުގައި، ފާއިތުވެދިޔަ އަހަރު ފެށިގެން މިއަހަރުގެ ޖޫން މަހުގެ މެދާއި ހަމައަށް 7.4 މިލިއަން ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ”ފްރޯޑް“ މުޢާމަލާތްތައް ހިންގައިގެން މީހުންގެ އަތުން އަތުލާފައި ވެއެވެ.

ފްރޯޑް ކޯލްތައް ކޮށްގެން މަކަރާއި ޙީލަތުން ފައިސާ ހޯދާކަމަށް ފާހަގަކުރެވޭ ގިނަ މީހުންނަކީ ވެސް ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހުގައި މިނިވަންވެފައި ތިބޭ މީހުންކަމަށާއި، އަދި އެކެއްގެ ނަމުގައި 800 ނަމްބަރު ނަގާފައި ވާކަން، އެފަދަ މައްސަލަތަކުގެ ތަހުގީގުތަކުން ފާހަގަވެފައި ވާކަމަށްވެސް ފާއިޒު ހާމަކުރެއްވި އެވެ.

”އެކެއްގެ ނަމުގައި 800 ނަންބަރު ދޫކުރުމަކީ އެއީ ހަގީގަތުގައި ވެގެން ވާނެ ވެސް ކަމެއް ނޫން..(..) މި ގޮތަށް ފާހަގަކުރެވޭ ގިނަ މީހުންނަކީ ވެސް ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހުގައި މިނިވަންވެފައި ތިބޭ މީހުން،“ 

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފާއިޒު ވިދާޅުވިއެވެ.

ފާއިޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޖިނާއީ ޢަދުލުގެ ނިޒާމު އެކުލެވިފައި އޮންނަ ގޮތުން މައްސަލައާ ގުޅުންހުރި ބައިވަރު ކަންކަން ނުހޯދޭ ނަމަ ހަމައެކަނި ފުޓޭޖެއް ބަލައިފައި މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވޭކަށް ނޯންނާތީވެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވެނީ މިފަދަ ވަރަށް މަދު މައްސަލަތަކެއް ކަމަށެވެ.

އަދި ގިނަ ފަހަރު، އަތުލި ފައިސާ އަނބުރާ ނުހޯދޭ ކަމަށާއި ސްކޭމްގެ މައްސަލަތަކުގައި މިކަން ކުރާ މީހުން ހޯދުމާއި ފައިސާ އަނބުރާ ހޯދުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށްވެސް ފާއިޒު ފާހަގަކުރެއްވި އެވެ.

އިލެކްޓްރޯނިކްކޮށް، ޚާއްޞަކޮށް ބޭންކުތައް މެދުވެރިކޮށްގެން ނުވަތަ ފޯނަށް ރީލޯޑުކޮށްގެން ފައިސާ ”ފޭރޭ“ މައްސަލަތަކާ ގުޅިގެން އެކަންކުރާ ބަޔަކާއި އަދި އެބަޔަކު ތިބޭ ތަނެއްވެސް އަދުގެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހޯދުމަކީ ފުލުހުންނަށް އުނދަގޫކަމަކަށް ވާނެކަމަށް ޤަބޫލުކުރުމަށް ގިނަ ޢާންމު ރައްޔިތުން ދެކޮޅުހަދަ އެވެ.

ޢާންމުން ޤަބޫލުކުރާ ގޮތުގައި މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރުމުން އެކަށޭނަ ފިޔަވަޅުތައް ވަގުތުން ވަގުތައް އެޅޭނަމަ މުޖުރިމުން ހޯދި ފައިސާވެސް ހޯދޭނެއެވެ. ފުލުހުންނަށް މިފަދަ މައްސަލައެއް ރިޕޯޓްކުރުމުން، އެކަން ހިނގާއެދިޔައީ ދޭންވާ ސަމާލުކަން ނުދީގެންކަމަށް ބުނުމަށް ފަހު ”އަޅާނުލާ“ ފަހަރުތައް މަދުންނަމަވެސް އަންނަކަމީވެސް ޢާންމުންގެ ޝަކުވާ އެކެވެ.

ދާދިފަހުން މާލޭ ސިޓީގައި ހިނދާދިޔަ މިފަދަ މައްސަލައެއްގައި ފްރޯޑް ކޯލެއް ކުރުމަށްފަހުގައި ފައިސާއާ ޙަވާލުވުމަށް އައިތަނުން އެކަމުގައި ޝާމިލުވީ ފާރާތް ހައްޔަރުކޮށްފައި ވާކަންވެސް ފާހަގަކޮށްލެވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *