ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިޚާބު ކަމުގައިވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބް އެއް ދުވަހެއްގައި ބޭއްވުމަކީ، މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީ އެކުލަވައިލުމަށް ބޭއްވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ބަހުސްކުރައްވާފައިކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިހެން ވިދާޅުވެފައި މިވަނީ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤާނޫނުއަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫންކަމަށާއި އެއީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުގައި ސަރުކާރުން ކުރާކަމެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ތުޙުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ބޮޑު ދެ އިންތިޚާބާއި ގުޅޭގޮތުން ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބު ބާއްވާނެ ތާރީޚުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ބަހުސްކުރެވިފައިވާކަމުގައެވެ.
އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާއީދުލިބި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާތީކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެކަމާ ގުޅޭގޮތުން ޚާއްޞަ މަޖިލީހަށް ހުށަހެޅުނު އިޞްލާޙުތަކަކީ، މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި އިޞްލާޙަކާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙެއް ކަމުގައެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެއިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިމިވަނީ މިކަމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަވެގެން ދިއުމާއި، އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ލުއިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.









