ޗާގޯސް ޖަޒީރާތައް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސައިލުމަށް ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މިއަދު މަރުހަބާ ކިޔައިފިއެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ދެކޭ ކަމަށެވެ. ފޯޅަވަހީގެ މުސްތަގުބަލާއި އެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް ހުރިކަން ފާހަގަކޮށް، ރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކުރާ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
އިނގިރޭސިވިލާތުން މި އެއްބަސްވުން މަޑުޖައްސައިލީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެކަމަށް ރަސްމީ ހުއްދަ ނުދިނުމާ ގުޅިގެންނެވެ. ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުންނާތީ، އެ ސަރަހައްދުގެ ކޮންޓްރޯލް މޮރިޝަސްއަށް ދިނުމާ މެދު ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އެ އެއްބަސްވުން އުވާލުމަށް އިނގިރޭސި ބޮޑުވަޒީރު ކައިރް ސްޓާމާއަށް އިލްތިމާސް ކުރައްވާފައެވެ. އިނގިރޭސި ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މި އެއްބަސްވުން ކުރިއަށް ގެންދެވޭނީ އެމެރިކާގެ ތާއީދު ލިބިގެން އެކަންޏެވެ.
މި މައްސަލައިގެ ތާރީޚަށް ބަލާއިރު، 1965 ވަނަ އަހަރު މޮރިޝަސް މިނިވަންވި އިރު އިނގިރޭސިވިލާތުން ވަނީ ފޯޅަވަހި ވަކިކޮށް ”ބްރިޓިޝް އިންޑިއަން އޯޝަން ޓެރެޓަރީ“ ގެ ގޮތުގައި ކަނޑައަޅާފައެވެ. މި މައްސަލައިގައި 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެ ސަރަހައްދު މޮރިޝަސްއަށް އަނބުރާ ދޭންޖެހޭނެ ކަމަށް ނިންމާފައެވެ. އެއާއެކު ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށޫއެރުމުން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ ދެ ގައުމުގެ ދެމެދުގައިވާ ސަރަހައްދު ހަމަހަމައަށް ބައިކޮށްލުމަށެވެ.
ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިކަމުގައި ގެންގުޅުނު ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާ ކަމަށް ބުނެ އޭރު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި، ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މައްސަލައިގައި ރާއްޖެއިން އިއުތިރާޒު ކުރާތީ، މޮރިޝަސްގެ ކެބިނެޓުން މިދިޔަ ފެބްރުއަރީ މަހު ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުންތައް ކަނޑައިލުމަށް ވެސް ނިންމާފައިވެއެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އިނގިރޭސިވިލާތުގެ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާއިން ވެސް މިހާރު ވަނީ ފޯޅަވަހީގެ ބިލް އުނިކޮށްފައެވެ.








