ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ތުރުކީވިލާތުގެ އިސްތަންބޫލަށް މިއަދު ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ހާމަކުރެއްވިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ތުރުކީވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލިސް އިދާރާގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ތުރުކީވިލާތުގެ ގްރޭންޑް ނެޝަނަލް އެސެމްބްލީން އިންތިޒާމުކޮށްގެން ބާއްވާ މި މުހިންމު ބައްދަލުވުން ކުރިއަށްދާނީ މިހިގާ އެޕްރީލް މަހުގެ 15 އިން 19 ގެ ނިޔަލަށެވެ. މިފަހަރުގެ އެސެމްބްލީގެ މައިގަނޑު ބަހުސް އަމާޒުކޮށްފައިވަނީ ”އުންމީދު ދިރުވައި، ޞުލްޙަ ކަށަވަރުކޮށް، ކުރިއަށް އޮތް ޖީލުތަކަށް ޢަދުލު އިންސާފު ޔަގީންކުރުން“ މި މައުޟޫޢުގެ މައްޗަށެވެ.
މި އެސެމްބްލީއަކީ ހުރިހާ ގާނޫނީ އިދާރާތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ އެސެމްބްލީއެކެވެ. އޭގެ ތެރޭގައި ގަވަރުނިން ކައުންސިލާއި، ސްޓޭންޑިން ކޮމިޓީތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީތަކާއި މެދުއިރުމަތީގެ ސުވާލުތަކާ ބެހޭ ކޮމިޓީތަކުގެ އިތުރުން، ފޯރަމް އޮފް ވިމެން ޕާލިމެންޓޭރިއަންސް އާއި، ޒުވާން މެމްބަރުންގެ ފޯރަމް ވެސް ހިމެނެއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ހަމަނުޖެހުމާއި ހަނގުރާމަތައް ހިނގަމުންދާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި، މިފަދަ ބައްދަލުވުމެއް ބޭއްވުމަކީ މިކަމުގެ ސަބަބުން މައްސަލަތަކަށް ޞުލްޙަވެރި ޙައްލެއް ހޯދުމަށް ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ލިބިގެންދާނެ މުހިންމު ފުރުޞަތެކެވެ.
އައިޕީޔޫގެ އާންމު ބަހުސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި) ބޭނުންކޮށްގެން ސުލްހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށެވެ. އަދި މަންދޫބުންނަށް ވިސްނުމާއި ހިޔާލު ބަދަލުކޮށް ބަރުލަމާނީ ފިޔަވަޅުތައް އެޅުމަށް ޕްލެޓް ފޯމެއް ވެސް މި އެސެމްބްލީގައި ފަހިކޮށްދެނެއެވެ.
އައިޕީޔޫގެ 152 ވަނަ އެސެމްބްލީ ކުރިއަށް ދާނީ މިއަދުން ފެށިގެން މިހިނގާ އޭޕްރިލް މަހުގެ 17 ވަނަ ދުވަހާ ހަމައަށެވެ.








