މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ދަރަވަންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދޫ / ވިލަރެސް، ޙުސައިން މުޒްލިފް (36އ) ކަމުގަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދަރަވަންދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
މި އެޕްރީލް މަހުގެ 16 ވަނަ ދުވަހު ދަރަވަންދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓާއި ހަތަރު ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.








