ވަޒީފާ އަދާކުރާ މާހައުލަކީ ޖިންސީ ފުރައްސާރައާއި ގޯނާކުރުމުގެ އަމަލުތަކުން ރައްކާތެރިވެފައިވާ ތަނަކަށް ހެދުމަށްޓަކައި، އެފަދަ އަމަލުތައް ހުއްޓުވުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން މުހިންމު އިޞްލާޙުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި އިޞްލާޙުތަކުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ މާހައުލުގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޙައްޤުތައް ހަރުދަނާގޮތެއްގައި ރައްކާތެރިކުރުމާއި، އެފަދަ ޝަކުވާތައް ބެލުމުގައި ޢަމަލުކުރާ އިޖުރާއަތްތައް އިތުރަށް ތަފްސީލުކޮށް ހަރުދަނާކުރުމެވެ.
މި ބިލުގައިވާ ގޮތުން، ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް ޖިންސީ ފުރައްސާރައާއި ގޯނާކުރުން ހުއްޓުވުމަށް ޚާއްޞަ ސިޔާސަތެއް އެކުލަވާލަންޖެހެއެވެ. އަދި އެފަދަ އަމަލުތަކާމެދު ފިޔަވަޅު އެޅޭނެކަން އަންގައި، މުވައްޒަފުން ހޭލުންތެރިކުރުވުމާއި ތަމްރީންތައް ދިނުމަކީ ވަޒީފާދޭ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ފުރައްސާރައިގެ އަމަލެއް ހިނގީ ހަމައެކަނި ރަސްމީ މަސައްކަތު ގަޑީގައި ނުވަތަ އޮފީސް ތެރޭގައި ކަމަށް ވާން ނުޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާ ކަމެވެ.
ޤާނޫނަށް ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީތައް އެކުލަވާލުމަށްފަހު، އެކަން މިހާރު އަންގަންޖެހޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ބަދަލުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އެންގުމަށް ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ކޮމިޓީގައި މަދުވެގެން 3 މެންބަރުން ތިބެންޖެހޭއިރު، އެއީ އޮނަހިރި އަދަދަކަށް އަދި ދެ ޖިންސުގެ މެންބަރުން ހިމެނޭ ކޮމިޓީއަކަށް ވާންޖެހޭނެ ކަމަށް ވަނީ އިޞްލާޙުކޮށްފައެވެ.
މައްސަލަ ބެލުމުގެ އިޖުރާއަތްތަކަށް ބަލާއިރު، މައްސަލަ ނިންމުމަށް ކޮމިޓީއަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު ކޮމިޓީއަށް ލިބިދީފައިވެއެވެ. ކޮމިޓީން މައްސަލައެއް ނިންމައި ފިޔަވަޅު އަޅާނަމަ، އެކަން 5 ދުވަހުގެ ތެރޭގައި ކަމާބެހޭ ފަރާތްތަކަށް އަންގަންޖެހޭނެއެވެ.
މި އިޞްލާޙުގައި ޚާއްޞަ އިސްކަމެއް ދީފައިވާ އަނެއް ދާއިރާއަކީ ޔުނިފޯމް އެޅި ޚިދުމަތްތަކެވެ. ޔުނިފޯމް އެޅި މުއައްސަސާއެއްގެ މީހަކަށް ޝަކުވާ ރައްދުވާނަމަ، އެއީ ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ބާރުވެރި މަޤާމެއްގައި ހުރި ފަރާތަކަށްވާތީ، އެފަދަ މައްސަލަތައް އެންމެ މަތީ މިންގަނޑުން ބަލަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަދަ ފަރާތްތަކުގެ މައްސަލަތައް ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށްވެސް ބިލުގައިވެއެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ވަޒީފާދޭ ފަރާތްތަކުން ޤާނޫނަށް ޢަމަލުކުރާ މިންވަރު މޮނިޓަރ ކުރުމުގެ ބާރު ފުޅާކުރުމެވެ.








