Search Streamline Icon: https://streamlinehq.com

ފަހުގެ

ގަމުގައި ތަރައްޤީކުރާ މެންޓަލް ހޮސްޕިޓަލުގެ އިޖުރާޢަތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، މާލޭ ސަރަހައްދުގައި މެންޓަލް ހޮސްޕިޓަލެއް ޤާއިމުކުރަނީ

Raees Muizzu

ހައްދުންމަތީ ގަމުގައި ތަރައްޤީކުރުމަށް ނިންމާފައިވާ މެންޓަލް ހެލްތު ހޮސްޕިޓަލުގެ އިޖުރާޢަތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، ކަމުގެ ހައްސާސްކަމަށް ރިއާޔަތްކުރައްވައި، ސަރުކާރު ބަޖެޓުން، މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކުރައްވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލައަކީ ދިވެހި މުޖުތަމަޢުގައި ބޮޑުވަމުން އަންނަ، އެހެންނަމަވެސް އެކަށީގެންވާ ފަރުވާގެ ނިޒާމު މިހާތަނަށް ޤާއިމުކުރެވިފައިނުވާ މައްސަލައެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، މި މައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން އަޅަން ގަސްދުކުރައްވާފައިވާ ބައެއް ފިޔަވަޅުތައް ހާމަކުރައްވާފައެވެ.

އެގޮތުން، ބޭރުގެ ލޯން އެހީގެ ދަށުން ލ. ގަމުގައި ތަރައްޤީކުރާ މެންޓަލް ހެލްތު ހޮސްޕިޓަލުގެ އިޖުރާޢަތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، މި އަހަރުގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް ތެރޭ ހިމަނުއްވައިގެން، މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ކުރިއަށްގެންދަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހޮސްޕިޓާ ޤާއިމުކުރެވެންދެން، މިހާރުން މިހާރަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުގައި، ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގައި މި ފަދަ ކަންކަމަށް ފަރުވާދިނުމުގެ ޤާބިލިއްޔަތު އިތުކުރެއްވުމަށް މަސައްކަތްކުރައްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންޓި ބުލީއިންގ ޤާނޫނެއް އެކުލަވާލުމަށާއި، ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ބިލެއް އެކުލަވާލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވައި، ކަމާ ގުޅުންހުރި މަސައްކަތްތައް ފައްޓަވާފައިވާކަމުގައެވެ. ހަމަ އެއާއެކު، ބުލީކުރުމަކީ ޤާނޫނީ ކުށެއް ކަމުގައި ކަނޑައެޅުއްވުމަށާއި، ބުލީކުރުމާއި ފުރައްސާރަކުރުމުގެ ތަފްޞީލީ މާނަކުރުންތަކާއި، އެކަން ހުއްޓުވާނޭ ގޮތްތަކާއި، އެކަން ކުރިމަތިވެއްޖެ ނަމަ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޖިނާޢީ އިޖުރާޢަތްތައް ކުރިއަށްގެންދާނޭ ގޮތްތައް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ބަޔާންކުރެވިގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސްކޫލްތަކާއި ތަޢުލީމީ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، ވަޒީފާގެ މާހައުލުގައި ބުލީކުރުން ހުއްޓުވަން ޚާއްޞަ ސިޔާސަތުތަކެއް އެކުލަވާލެއްވުމަށްވެސް މަސައްކަތްކުރެވެމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި