ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެމުން މިދަނީ ޤާބިލު ދިވެހި ކުންފުނިތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެމުން މިދަނީ ޤާބިލު ދިވެހި ކުންފުނިތަކަށެވެ. އަދި މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަކީން ޚާއްޞަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް މި ސަރުކާރުން ޙައްލު ހޯދައިދެއްވާކަމުގައެވެ.
މަސްވެރީންނަށް މީގެ ކުރިން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީންނެތް ޞިނާޢީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށްޓަވާފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއިން ކޮންމެ ކަމަކުން ރާއްޖޭގައި އިތުރަށް ވަޒީފާ އުފެދެމުންދާއިރު، ތާރީޚުގައިވެސް ދިވެހި އުފެއްދުންތައް އެއްތަނަކުން އެންމެގިނައިން ފެންނަންހުރީ މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގައިކަމަށާއި، ފާހަގަކުރަމުންމިދާ ދިވެހި އުފެއްދުންތެރިކަމުގެ އަހަރާއެކު މިފަހަރުގެ މަޢުރަޒު އިރާދަކުރެއްވިއްޔާ އަދި މާ ކާމިޔާބުވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވިއެވެ.








