ށ. މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ނުވަދިހައިން ސައްތަ މަސައްކަތް ނިންމާލައިފިއެވެ. މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ މި މަޝްރޫޢު ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
މިލަންދޫ އެއާޕޯޓުގެ މަޝްރޫޢާގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު ވިދާޅުވެފައިވަނީ ށ.މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް މިހާރު ވަނީ ނިމިފައި ކަމުގައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި ”ކުއިން އޮފް ދަ ނެދަލޭންޑްސް“ ޑްރެޖަރު ބޭނުންކޮށްގެން ކަމަށްވެސް ނާށީދު ވިދާޅުވިއެވެ.
ސަރުކާރުން މިލަންދޫގައި ތަރައްޤީކުރާ މި އެއާޕޯޓުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަންދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ، އެ ރަށުގެ ތަރައްޤީއާ ސީދާ ގުޅިފައިވާ މުހިންމު މަޝްރޫޢެކެވެ.
އާބާދީގައި 2700 އަށް ގިނަ ބަޔަކު ދިރިއުޅޭ މިލަންދޫ އެއާޕޯޓު އަދި ބަނދަރު ތަރައްޤީ ކުރުމަށާއި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި ޢަމަލީ މަސައްކަތް ފަށައި ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.








