އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގައި ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ވަނީ ކަނޑައަޅުއްވާފައިކަމަށާއި، މިގޮތުން ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައިވަނީ ބާރުއަޅުއްވާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް އަރިސްކުރަމުން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވަނީ ޒިންމާދާރު ނޫސްވެރިކަމުގެ ވާހަކަ ދައްކާއިރު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވާ ކަމެއް ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވީ މީޑިއާއަކީ، ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ ”ހަތަރުވަނަ ބާރު“ ކަމުގައެވެ. އަދި ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މި ޒަމާނުގައި ހުރިހާ ބާވަތެއްގެ މިނިވަންކަމެއް ބިނާވެފައި މި އޮންނަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށެވެ. އިންސާނީ ޙައްޤުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި އަދި ސުލްހަމަސަލަސްކަން ދެމިއޮތުން ގުޅިފައިވަނީވެސް ނޫސްވެރިކަމުގެ މިނިވަންކަމާއެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މި ދުވަހު، ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، ޙަޤީޤަތާ އެއްގޮަތަށް ލިޔާ އަދި ތެދު ބުނާ މީހުންގެ ރައްކާތެރި ވެށްޓެއް ބިނާކުރުމުގެ ޢަޒުމު ކަނޑައަޅުއްވަމާ ހިންގަވާށެވެ.“ ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠަބުގައި ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަމުން އަންނަ އެންމެ މަތީ އެއް މަޞްލަޙަތުކަމަށާއި، ދިވެހި ނޫސްވެރިންނަށް ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދޭނެ ކަމުގެ ޔަޤީންކަން މިއަދުވެސް ވަނީ ދެއްވާފައެވެ.








