މިނިވަން މީޑިއާއަކީ ޙައްޤެއް އަދި، ޒިންމާއެއް، ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، އަދި އޭގެ ސަބަބުން، އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް އަރިސްކުރަމުން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވަނީ ދިވެހިން ޤަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށްވެސް މީޑިއާ ވާންޖެހޭކަމަށާއި، ސަރުކާރު ޒިންމާދާރުކުރުވުމާއި، ހާމަކަމާއި، ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާކަމުގައެވެ.
”ރާއްޖޭގެ މީޑިއާ ބޮޑުވެ، ފުޅާވެ އަދި މިކަމުގެ ތެރެއަށް ވަންނަ ޒުވާނުން އިތުރުވަމުންދާކަމީ އަޅުގަނޑު އެކަމަކަށްޓަކައި ފަޚުރުވެރިވާކަމެކެވެ. ދިވެހިރާއްޖެއަކީ، އާބާދީގެ ނިސްބަތުން މީޑިއާތައް އެންމެ ގިނަ ޤައުމެވެ. މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި ނޫސްވެރިން ތަމްރީނު ކުރުމާއި، ފެމިލިއަރައިޒޭޝަން އަދި އެހެން ޤައުމުތަކުގެ ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ފުރުސަތުތައް އިތުރަށް ފަހިކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.“
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިއާތަކަށް ދުވަހަކުވެސް ސަރުކާރަކުން ނުދޭ ސަމާލުކަން މި ސަރުކާރުން މިއަންނަނީ ދެމުންކަމުގައެވެ. އެގޮތުން، މީޑިއާއަށް ކޮށްދޭނެ ކަމަށް ވީ ވަޢުދުތައް މިދަނީ ފުއްދަމުންކަމަށާއި، ދިވެހި މީޑިއާތައް ހިންގާނެ ވަކި ތަނެއް ނުވަތަ މީޑިއާ ވިލެޖެއް ތަރައްޤީ ކުރުމަށާއި، މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކުރާނެ މަގު ފަހިކޮށްދިނުމަށް، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް، ދެފުށް ފެންނަ ވަކިއުސޫލެއްގެ ތެރެއިން ދޭން ނިންމީވެސް ކުރިން ދެންނެވި މަގަށް ދިވެހި މީޑިއާ ތަރައްޤީކުރުމަށް ފުރުސަތު ފަހިކުރުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީޑިއާ ވިލެޖުވެސް ދާދި އަވަހަށް ހުޅުވި އެތަނުގެ ޚިދުމަތް ދިވެހި މީޑިއާތަކަށް ލިބެން ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މީޑިއާ ބޮޑުވެ، ފުޅާވެ އަދި މިކަމުގެ ތެރެއަށް ވަންނަ ޒުވާނުން އިތުރުވަމުންދާކަމީ އަޅުގަނޑު އެކަމަކަށްޓަކައި ފަޚުރުވެރިވާކަމެެއް ކަމުގައެވެ. އަދި ދިވެހިރާއްޖެއަކީ، އާބާދީގެ ނިސްބަތުން މީޑިއާތައް އެންމެ ގިނަ ޤައުމު ކަމަށާއި، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި ނޫސްވެރިން ތަމްރީނު ކުރުމާއި، ފެމިލިއަރައިޒޭޝަން އަދި އެހެން ޤައުމުތަކުގެ ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް، ފުރުސަތުތައް އިތުރަށް ފަހިކޮށްދޭނެކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.








