Search Streamline Icon: https://streamlinehq.com

ފަހުގެ

ރަށްތައް ދަނީ އާދަޔާ ޚިލާފު ބާރު މިނެއްގައި ފަޅުވަމުން: ނަޝީދު

HHat7I8aMAAV3ab

ރާއްޖޭގެ ރަށްތައް އާދަޔާ ޚިލާފު ބާރު މިނެއްގައި ފަޅުވަމުންދާ ކަމަށާއި، މިއީ ރައްޔިތުންނަށް ތަނަވަސްކަން ލިބޭނެ ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއެކު ނިޒާމީ ބަދަލަކަށް ކެމްޕޭން ކުރެއްވުމަށް މިރޭ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މާލެ ތޮއްޖެހުމުގެ ޝަކުވާގެ އިތުރުން ރަށްތަކުން ވެސް މިހާރު ބޮޑެތި ޝަކުވާތަކެއް އަންނަމުންދާ ކަމަށެވެ.

މިކަމުގެ މިސާލެއްގެ ގޮތުން ނަޝީދު ފާހަގަކުރެއްވީ ތ. ކިނބިދޫގެ ހާލަތެވެ. އެ ރަށުގައި ދަރިވަރުން މަދުވުމުގެ ސަބަބުން މިހާރު ގްރޭޑް އެކެއް ނެތްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ،

”މި އަންނަ އަހަރު ގްރޭޑު ދޭއް ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑު ތިނެއް ނޯންނާނެ. އޭގެ އަނެއް އަހަރު ގްރޭޑު ހަތަރެއް ނޯންނާނެ. އިސާހިތަކު ކިނބިދޫއެއް ނޯންނާނެ،“ ނަޝީދު ވިދާޅުވިއެވެ.

އެ ރަށުގެ ކައުންސިލާ ހަވާލާދެއްވައި ނަޝީދު ވިދާޅުވީ، ކިނބިދޫ ފަޅުވަމުންދަނީ އެ ރަށުގެ 65 އާއިލާއަކަށް މާލޭގައި އުޅުމުގެ ފުރުސަތު ދިނުމާ ގުޅިގެން ކަމަށެވެ. އަދި މާލެ ސަރަހައްދަށް މީހުން ޖަމާކޮށް، ރަށްތައް އުވާލުމަކީ ސަރުކާރުތަކުގެ ސިޔާސަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، މި ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވާ ނިންމުމަށް ވެސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާއިރު، އަތޮޅުތައް އުވާލުމަކީ ޒަމާނުއްސުރެ ވާރުތަވެފައިވާ ދިވެހިރާއްޖެ އުވާލުން ފަދަ ކަމެއް ކަމަށެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މިދިޔަ ނޮވެންބަރު 25 ގައި މަޖިލީހުން ފާސްކޮށް، ޑިސެންބަރު 1 ގައި ރައީސް މުއިއްޒު ވަނީ އެ އިސްލާހު ތަސްދީގު ކުރައްވާފައެވެ. މި ބަދަލާއެކު މި މަހުގެ 17 ގައި މިހާރު އޮތް އަތޮޅު ކައުންސިލްތަކުގެ ދައުރު ހަމަވުމުން އެ ކައުންސިލްތައް އުވޭނެއެވެ.

އިދިކޮޅު އެމްޑީޕީން މި ބަދަލާ ދެކޮޅަށް އަޑުއުފުލަމުންދާއިރު، ސަރުކާރުން ބުނަމުންދަނީ އަތޮޅު ކައުންސިލްތައް އުވާލުމުން ސަލާމަތްވާ ފައިސާ ރަށު ކައުންސިލްތަކަށް ބަހާލުމުން، ރަށްރަށުގެ ބަޖެޓު ބޮޑުވެ، ތަރައްގީއަށް މަގުފަހިވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި