ސްރީލަންކާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު ބައިވެރިއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި ތަޤުރީރުކުރައްވަމުންނެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ކުރިއަށްގެންދިޔަ ފޯރަމުގައި އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިއަދުގެ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ސްރީލަންކާއިން ރާއްޖޭގެ ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި ޚިދުމަތްދިނުމުގެ ސިނާއަތްތަކުގައި އަދާކުރާ ދައުރު ފާހަގަކުރައްވައި، އެ ޤައުމަކީ، ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު ބައިވެރިއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްޤީ އާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މޮޑެލްތަކާއި، ސުމޭކު އީޖާދާއި، ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ސްރީލަންކާއަށް ދަޢުވަތުދެއްވިއެވެ.
މީގެ އިތުރުން، މީޒާންހަމަ، ދެމެހެއްޓެނިވި އިޤުތިޞާދީ ގުޅުމަކަށް، ދެ ފަރާތުންވެސް ވުނަކުރަމުންދިއުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރަޙައްދީ ފެންވަރުގައި އީޖާދުކުރުން ކުރިއަރުވައި، ވިލުންތެރިކަން ބަލައިގަނެ، އިސްނެގުން އިތުރުކުރުމުގެ މައްޗަށްވެސް އެމަނިކުފާނުގެ ތަޤުރީރުގައި އަލިއަޅުއްވާލެއްވިއެވެ.
މިއަދުގެ ތަޤުރީރުގައި އެމަނިކުފާނު ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނައި އިޞްލާޙުތައް ފަރުމާކުރެވިފައިހުރީ، ދިވެހިރާއްޖެ، ތަރައްޤީގެ ދެންއޮތް ފިޔަވައްސަށް ގެންގޮސްދޭނޭ ފަދަ، ބަދަލުގެނުވަނިވި ފިޔަވަޅުތަކެއްގެ ގޮތުގައިކަމަށް ސިފަކުރައްވާފައެވެ.
އެގޮތުން ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ދެކި، ވުނޭރުންގެ މެދުގައި ރާއްޖޭގައި ވުނަކުރުމުގެ އިތުބާރު އިތުރުވަމުންދާ ދިއުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި މިކަމުގެ ސަބަބުން، ދިވެހިރާއްޖެ ވިޔަފާރިއަށް ހުޅުވާލެވިފައިވާކަމާއި، ފަންނިއްޔާތުން ބާރުލިބިގެން، ތަރައްޤީގެ މަންޒިލަކަށް ރާއްޖެ މިސްރާބުހިފާފައިވާކަން، ވުނޭރުންނަށް ރަމްޒުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި، ސްރީލަންކާގެ ބޮޑުވަޒީރު ޑޮކްޓަރ ހަރިނީ އަމަރަސޫރިޔާވެސް ތަޤުރީރުކުރެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައިވެސް ވަނީ، ދެ ޤައުމުގެ ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.








