Search Streamline Icon: https://streamlinehq.com

ފަހުގެ

ލަންކާގެ ބާޒާރަށް ”ފަސްމީރު“ ބްރޭންޑް ތައާރަފް ވެގެންދިއުމުން ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވިގެންދާނެ: ޝިޔާމް

HHjYe2LbIAAV9p6

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ”ފަސްމީރު“ ބްރޭންޑް ސްރީލަންކާގެ ބާޒާރަށް ތަޢާރަފުކުރުމާއެކު، ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤުވާމީ މާކެޓުގައި އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިފްކޯގެ މަޝްހޫރު ”ފަސްމީރު“ ބްރޭންޑް ސްރީލަންކާގައި އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ދިވެހި މަހުގެ ބާވަތްތަކަކީ، ވަކިން ޚާއްޞަކޮށް ހިކިމަހަކީ ލަންކާގެ ގޭބިސީތަކުގައި ޒަމާނުއްސުރެ ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ އުފެއްދުންތަކެކެވެ. އެހެންކަމުން، މިފްކޯގެ އުފެއްދުންތައް ސީދާ އެ ޤައުމުގެ ބާޒާރުން ލިބެން ހުރުމަކީ ލަންކާގެ ރައްޔިތުންނަށާއި، އެ ޤައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް އިތުބާރާއެކު ދިވެހި މަސް ގަންނަން ލިބޭނެ ފަހި ފުރުޞަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

”ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުާންތަކަކީ، ވަކިން ޚާއްޞަކޮށް ”މޯލްޑިވް ފިޝް“ ނުވަތަ ހިކިމަހަކީ، ސްރީލަންކާގެ ގޭބިސީތަކުގައި ނުހަނު ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ބާވަތްތަކެއް. މިއަދު މިފްކޯއިން މި ފެށި މަސައްކަތަކީ، ސްރީލަންކާގެ ރައްޔިތުންނަށާއި އެ ޤައުމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް، އިތުބާރު ހުރި ދިވެހި އުފެއްދުންތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން، މަހުގެ އުފެއްދުންތަކަށް އަގުއެއްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާޢަތް ކުރިއެރުވުމަށް ރައީސް ދެއްވާ އިރުޝާދުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. ލަންކާގެ ބާޒާރަށް ފަސްމީރު ތަޢާރަފުވުމަކީވެސް ރައީސްގެ ދުރުވިސްނޭ ތަޞައްވުރުގެ ތެރެއިން ލިބުނު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި މަސައްކަތުގައި އެހީތެރިވެދެއްވި ޑިވެލޮޕްމަންޓް އިންޓަރޕްލޭން ސިލޯން ޕްރަވެޓް ލިމިޓެޑްގެ ސީ.އީ.އޯ ޒުރައިޝް ހާޝިމަށާއި ލަންކާގެ ރައްޔިތުންނަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މި ފެށުނު އައު ވިޔަފާރީގެ ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި