Search Streamline Icon: https://streamlinehq.com

ފަހުގެ

ޤައުމެއްގެ އިޖްތިމާޢީ ފޭރާން ހަރުދަނާކުރުމުގެ އެންމެ އިސް އަސާސަކީ ބަދަހި ޢާއިލާތަކެއް ބިނާކުރުން: ރައީސުލްޖުމްހޫރިއްޔާ

Aailaathakuge dhuvas

ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށާއި ޤައުމެއްގެ އިޖްތިމާޢީ ފޭރާން ހަރުދަނާކުރުމުގެ އެންމެ އިސް އަސާސަކީ ބަދަހި ޢާއިލާތަކެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ޕޯސްޓުގައި، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އަމުރުކުރައްވާފައިވުމަކީ، އިސްލާމްދީނުގައި ޢާއިލާއަށް ދީފައިވާ މަތިވެރި ޤަދަރާއި އަހުމިއްޔަތު ހާމަވާ ކަމެއްކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ޕޯސްޓްގައި ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރަމުން މި އުފާވެރި ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ.

ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މީސްމީޑިއާގައި އާންމުކުރެއްވި މެސެޖްގައި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށާއި އުޖާލާ މުސްތަޤްބަލެއް ކަށަވަރުކުރުމަށް އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި، އޯގާތެރިކަމާއި، އެހީތެރިކަން މުހިންމުކަމަށް ވިދާޅުވިއެވެ.

އާއިލާތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ އައު ގޮންޖެހުންތަަކާ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މައިންބަފައިންނާއި ދަރިންގެ އިތުރުން ޢާއިލީ ޒިންމާތައް އުފުލާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމުގެ މުހިންމުކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ޢާއިލާތަކުގެ ފުރިހަމަ ކުރިއެރުމާއި ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ، އުޖާލާ އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ދިވެހި ޤައުމުގެ ބިންގާ ވަރުގަދަކުރުމަށް ކުރެވޭ ނުހަނު މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ޢާއިލާތަކުގެ ދުވަހުގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި