Search Streamline Icon: https://streamlinehq.com

ފަހުގެ

ޗައިނާގެ 77 ވަނަ ޤަޢުމީ ދުވަހުގެ މުނާސަބާތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

President of china

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ އަށާއި، ސްޓޭޓް ކައުންސިލްގެ ޕްރީމިއަރ،ހިޒް އެކްސަލަންސީ ލީ ޗިއާންގ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

މި ދެ ލީޑަރުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާއި އިޚްލާޞްތެރި ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ. އަދި، މި ދުވަހަކީ، ޤައުމުގެ ހަމަޖެހުން ދަމަހައްޓައި، ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރިއަށްދިއުމުގެ އިތުރުން، ޗައިނާގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން، އިތުރަށް ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހަމަ މިޔާއެކު، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުމަކީ، ޒަމާންވީ އެކުވެރިކަމާއި، ގާތް ގުޅުމުގެ އިތުރުން ’ވަން ޗައިނާ ޕްރިންސިޕަލް‘ އަށް ދިވެހިރާއްޖެއިން ދޭ ސާބިތު އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ މެދުކެނޑުމެއްނެތް އެހީތެރިކަމާއި، ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ތެރެއިން، ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއަށް، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް، ޙާޞިލު ކުރެވިފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިޔާއެކު، ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެ ޤައުމަށް ފައިދާއާއި ލާބަ ލިބޭނެ ފުރުޞަތުތައް ފަހިކުރުމަށް، ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެއްވަވާނެ ކަމުގެ ޔަޤީންކަން ވެސް، އެމަނިކުފާނު ދެއްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައިވަނީ، ދެ ލީޑަރުންނަށް ދުޅަހެޔޮ ޞިއްޙަތާއި ފާގަތި ކަމަށާ، އަދި ޗައިނާއަށް، ދާއިމީ ޞުލްޙަމަސަލަސްކަމާއި، އެއްބައިވަންތަކަމަށް އެދިވަޑައިގަންނަވަމުންނެވެ.

މި ޝުޢޫރުތައް ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްސާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި