Search Streamline Icon: https://streamlinehq.com

ފަހުގެ

މި ސިކުންތުގައި ވެސް ވެރިކަމާ ހަވާލުވާން ތައްޔާރު: ނަޝީދު

HTtD9FjaQAAmQ6t

މިހިނދުން މިހިނދަށް ވެސް ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގެ ރިޔާސަތުގައި އިންނަވައި، އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމާ ގުޅޭގޮތުން ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ މި ސިކުންތުގައި ވެސް ދައުލަތް ހިންގުމާ ހަވާލުވެވަޑައިގަތުމަށް ފުރިހަމައަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

”މި ސިކުންތުގައި ވެސް ދައުލަތާ ހަވާލުވުމަށް އަޅުގަނޑު މި ހުރީ ތައްޔާރަށް،“ ނަޝީދު ވިދާޅުވިއެވެ.

ކޮންގްރެސްގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން އަހުމަދު ސަލީމް ވިދާޅުވީ، އެމްޑީޕީގެ އިދާރީ އޮނިގަނޑު އަބަދުވެސް ބައްޓަންވެފައި އޮންނަންވާނީ ކޮންމެ ވަގުތެއްގައި ވެސް ސަރުކާރު ހިންގުމާ ހަވާލުވެވޭ ފަދަ ލުއިފަސޭހަ ގޮތަކަށް ކަމަށެވެ. އަދި ޕާޓީގެ އިންތިޒާމުތައް ދައުލަތުގެ ހިންގުމުގެ ނިޒާމާ އެއްގޮތަށް ރޭވިފައި އޮތުމަކީ ވެރިކަމާ ހަވާލުވާން ޖެހޭ ހާލަތެއްގައި ކަންކަން ފަސޭހަވެގެންދާނެ ސަބަބެއް ކަމުގައި ސަލީމް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، މިހާރު ވެރިކަންކުރާ ޕީއެންސީގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ، މިފަދަ ހާލަތްތަކުގައި ވެރިކަމާ ހަވާލުވުމަށް ރައްޔިތުން ކޮންމެ ވަގުތެއްގައި ވެސް އެދިދާނެ ކަމަށެވެ. އެހެންކަމުން، ޕާޓީން މިހާރުން މިހާރަށް ތައްޔާރުވެ އޮތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން މިހާރު ކުރިއަށްގެންދާ ކޮންގްރެސްގައި އެ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށާއި، ކުރިމަގުގައި ސަރުކާރެއް އެކުލަވާލުމަށް ތައްޔާރުވުމުގެ ގޮތުން އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި ”ބޮޑު ބަދަލު“ ކަރުދާސް އެމްޑީޕީގެ ކޮންގްރެސްއިން މިއަދު ވަނީ ފާސްކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި އިސްލާހީ ކަރުދާހުގެ އެންމެ މައިގަނޑު އަސާސަކީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރު ހިންގުމުގެ އިސްވެރިޔާ ވަކިން އިންތިހާބުކުރުމެވެ. މި އިސްލާހުގައިވާ ގޮތުން ސަރުކާރުގެ ވެރިޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. އަދި ދައުލަތުގެ ވެރިޔާ އިންތިހާބުކުރާނީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތައް ގުޅިގެންނެވެ. ރައީސް ނަޝީދު ވަނީ ދައުލަތުގެ ވެރިޔާގެ މަގާމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން މީގެކުރިން ފާޅުކުރައްވާފައެވެ.

މީގެއިތުރުން، ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތައް އިސްލާހުކުރުމުގެ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ކަނޑައެޅުމާއި، މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ ދައުރު ހަނިކުރުން މި ކަރުދާހުގައި ހިމެނެއެވެ. ހަމައެއާއެކު، މަޖިލިސް އިންތިހާބުގެ ދާއިރާތައް މުޅި އަތޮޅަށް ފުޅާކޮށްލުމާއި، އަންހެނުންނަށް މަޖިލީހުން ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި