މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަޝިޕް އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުވާލައި ހުރިހާ ބާރެއް ޗެއާޕާސަނަށް ދިނުމަށް އެ ޕާޓީގެ ކޮންގްރެސްއިން މިއަދު ފާސްކޮށްފިއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް މި މުހިންމު އިސްލާހުތައް ހުށަހެޅުއްވީ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. މި އިސްލާހުތައް ފާސްވެގެން ގޮސްފައިވަނީ ކޮންގްރެސްގައި ބައިވެރިވި 546 މަންދޫބުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ބަދަލާއެކު އެމްޑީޕީ ހިންގުމުގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ޗެއާޕާސަން ކަމުގައި ވަނީ ހަމަޖެހިފައެވެ.
މިއަދު ފާސްކުރެވުނު އިސްލާހުތަކުގައިވާ ގޮތުން، ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެހެން އެއްވެސް ސިޔާސީ މަގާމެއް އަދާނުކުރެއްވޭނެއެވެ. އަދި ސިޔާސީ ކަންކަމުގައި ޗެއާޕާސަނަށް އެހީތެރިވެދިނުމަށްޓަކައި، ސިޔާސީ ކަންކަމަށް ޚާއްސަ އައު ނައިބު ޗެއާޕާސަންގެ މަގާމެއް އުފެއްދުމަށްވެސް ވަނީ ނިންމާފައެވެ. މީގެއިތުރުން، އެމްޑީޕީގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބުވާ ބޭފުޅަކު ސަރުކާރު އެކުލަވާލުމުގައާއި މުހިންމު ސިޔާސަތުތައް އެކަށައެޅުމުގައި ޕާޓީގެ ގައުމީ މަޖިލީހުގެ ލަފާ ހޯއްދެވުމަށް އެއްބަސްވުމެއްގައި ސޮއިކުރަން ލާޒިމުކުރުމާއި، ރައީސުލްޖުމްހޫރިއްޔާގެ އިސް މުޝީރެއްގެ ގޮތުގައި ޗެއާޕާސަން ހަމަޖެއްސުންވެސް މި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ކޮންގްރެސްގައި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު ޢަބްދުއްރަޙްމާން ހުށަހެޅުއްވި އިސްލާހުތައް ވެސް ވަނީ މަންދޫބުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ. އެގޮތުން ފާސްކުރެވުނު މުހިންމު ކަންކަމުގެ ތެރޭގައި:
- ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބޭއްވުމުގެ 4 މަސްދުވަސް ކުރިން އެކަން އިއުލާނުކުރުން.
- ވޯޓުލާ ދުވަހުގެ 3 މަސްދުވަސް ކުރިން ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިދިނުން.
- ގައުމީ މަޖިލީހުގައި ކޮންމެ ރަށަކުން އެއް މެންބަރަކު ތަމްސީލުކުރުމުގެ އުސޫލު އެގޮތުގައި ދެމެހެއްޓުން.
- ކޮންގްރެސް ބޭއްވުމުގެ 10 ދުވަސް ކުރިން ބައިވެރިންގެ ފުރިހަމަ ލިސްޓު އާންމުކޮށް އިއުލާނުކުރުން.
މި އިސްލާހުތަކަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، އެތެރޭގެ ޑިމޮކްރަސީ އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ގެނެވުނު މުހިންމު ބަދަލުތަކެއް ކަމަށް އެމްޑީޕީން ފާހަގަކުރެއެވެ.









