ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ޖޫރިމަނާ ކުރިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
ކަންޓީނު އުސޫލާ ޚިލާފުވެ އެކަމަނާ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ފުލުހުން އެކަމަނާ ޖޫރިމަނާ ކުރެއްވިކަމަށް ބުނެ މީޑިޔާތަކުގައި ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށާއި އެކަމަނާ ޖޫރިމަނާ ނުކުރާކަން ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިންވެސް އެދިވަޑައިގަންނަވާފައިވާނެ ކަމަށް ނަހުލާ ވިދާޅުވެފައިވެއެވެ.
”އަޅުގަނޑު ޖޫރިމަނާ ކުރިކަމަށް ބުނެ ދެކެވެނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް. އެފަދަ ދޮގު ވާހަކަ ލިޔަނީ އަޅުގަނޑުގެ ޚަބަރު ހިނގާތީ. ފުލުހުންގެ ކިބައިންވެސް ވާނީ އެދިފައި ޖޫރިމަނާ ނުކުރާކަން ސާފުކޮށްދިނުމަށް.“ އެކަމަނާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްބޭފުޅަކާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ބުނާގޮތުން މިނިސްޓަރ ނަހުލާ ދުބާއީއަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވައިގެން ކަރަންޓީނު ނުވެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ފުލުހުން ވަނީ އެކަމަނާ ޖޫރިމަނާކޮށްފައެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަން ނަހުލާ ވަނީ ޔަގީންކޮށްދެއްވާފައެވެ.
ވަގުތު ނޫހަށް އިންޓަވިއު ދެމުން އެކަމަނާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހިނގަމުންދާ ނުރަނގަޅުކަންތަކާއި ކޮރަޕްޝަނާއި ދެކޮޅަށް އެކަމަނާ މަސައްކަތްކުރައްވަމުން ގެންދަވާތީ އެކަމާ ހިތްހަމަ ނުޖެހޭ ބަޔަކު އެކަމަނާއޭ ކިޔައިގެން ދޮގު ޚަބަރުތައް ފަތުރަމުންގެންދާ ކަމަށެވެ.









