ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ބޭސްފަރުވާއަށް ހަތަރު މަސްދުވަހަށް ރާއްޖެއިން ބޭރަށް ވަނީ ވަޑައިގަންނަވާފައެވެ. އަދި އެމުއްދަތު ހަމަވި އިރުވެސް އިގރޭސި ވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދެވުމަށް ކްރިމިނަލް ކޯޓުގައި އަލީ ވަހީދު ވަނީ އެދިލައްވާފައެވެ.
އެހެންނަމަވެސް ދިވެހި ދައުލަތުގެ އިހްތިޞާސް ނުހިނގާ ތަނެއްގައި އަލީ ވަހީދު ހުއްޓާ ޝަރީއަތް ކުރިއަކަށް ނުގެންދެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ، އަލީ ވަހީދު ކޯޓުގެ އިހްތިސާސް ނެތް ތަނެއްގައި ހުއްޓާ، އޮންލައިންކޮށް ޝަރީއަތް ހިންގަވަން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުން މިހާރު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ވެސް މިހާރު އަނެއްކާ ފުލުހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ.
ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު އިނގިރޭސިވިލާތައް ވަޑައިގެންނެވީ ހަތަރު މަސް ދުވަހަށެވެ. އެމުއްދަތު ހަމަވިއިރު ވެސް އޭނާ އެނބުރި ރާއްޖެ ވަޑައިނުގެން ކްރިމިނަލް ކޯޓުގައި އެދުނީ އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.









