އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ އަވަށް ތަކަށް ވަދެ ގަދަކަމުން މީހުން ގެތަކުން ނެރުމަށްފަހު ގެތަށް ތަޅާ ސުންނާފަތި ކުރަން ފަށައިފިއެވެ.
އިއްޔެގެ ވަގުތެއްގައި އިޒްރޭޭލުގެ ފުލުހުންވަނީ ގުދުސްގެ އަވަށްތަކަށްވަދެ މީހުންނަށާއި ގެތަކަށް އަނިޔާކުރަން ފަށާފައެވެ. އެގޮތުން ފަލަސްތީނުގެ އަވަށެއް ކަމަށްވާ ސިލްވާނާއަށް ވަދެ ގެތަކަށް ހަމަލާދޭން ފެށުމުން އެއަވަށު މީހުންވަނީ ފުލުހުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އިޒްރޭލު ފުލުހުންވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. އަދި އެމީހުންނަށް ހުރަސް އެޅި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.
”އިޒްރޭލު ފުލުހުން އެންމެ ފުރަތަމަ ވަދެގަތީ އަލްބުސްތާނު އަވަށުގެ އާދައިގެ ވިޔަފާރި ވެރިއެއްގެ ގެޔަށް. އެގޭގައި ދިރިއުޅޭ މީހުން ގަދަކަމުން ބޭރަށް ނެރުމަށްފަހު އެގެތަޅާ ބިމާހަމަކޮށްފި.“ މަންޒަރު ދުށް މީހަކު އެޤައުމުގެ މީޑިޔާތަކަށް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ސިލްވާން އަވަށަށް ވަނުމަށްފަހު އެއަވަށުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައްވެސް ތަޅާ ބިމާހަމަކުރިއެވެ. އިޒްރޭލު ސިފައިން ބުނާގޮތުގައި އެގެތަކަކީ ކަމާބެހޭ އިދާރާތަކުން ހުއްދަ ނުހޯދާ އަޅާފައިވާ ގެތަކެވެ.









